އިންޑިޔާގެ މަދްޔަ ޕްރަދޭޝްގައި ކުރިއަށް މިވަގުތު ކުރިއަށް ގެންދާ ގްލޯބަލް ސަމިޓް އޮފްވިމެން އޮންޓްރަޕްރެނިއަރޝިޕް ޕްރޮގްރާމުގައި ރާއްޖޭގެ ބޮޑު ޑެލިގޭޝަނެއް ބައިވެރިވެއްޖެއެވެ.
މަދްޔަޕްރަދޭޝްގެ ޖަބަލްޕޫރުގައި ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ދުނިޔޭގެ 20 ގައުމަކުން އަންހެނުން ބައިވެރިވެފައިވާއިރު ރާއްޖޭގެ އެކި ޖަމިއްޔާތަކުން މުޅިޖުމުލަ 21 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
އިންޑިޔާގެ މަދްޔަ ޕްރަދޭޝް އެސޯސިއޭޝަން އޮފް ވިމެން އޮންޓްރަޕްރެނިއަރސް (މާވޭ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ރާއްޖޭގެ މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސް ޝިދާތާ ޝަރީފް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ސްވީޕް2019 އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އަންހެން ކަނބަލުންގެ ބޮޑު ޑެލިގޭޝަނެއް ސްވީޕްގައި ބައިވެރިވުމުން ދޭހަކޮށްދެނީ މިފަދަ ޕްލެޓްފޯމްތަކަށް ރާއްޖޭގެ ކަނބަލުން ޝައުގުވެރިވާ މިންވަރު ކަމަށެވެ. އަދި އިގުތިސާދާ ގުޅުން ހުރި ސިޔާސަތުތައް އެކުލަވައިލުމުގަ އާއި ތަންފީޒުކުރުމުގެ މަރުހަލާގައި އަންހެނުންގެ ދައުރު މުހިންމުކަންކަމަށެވެ. އަދި މިފަދަ ކަންކަމާ ގުޅުން ހުރި ވުޒާރާގެ ސިޔާސަތުތައް ކަނޑައަޅާ އެންމެ އިސް މަގާމުތަކުގައިވެސް އަންހެނުން ތިއްބެވި ކަމަށެވެ.
ސްވީޕް 2019 ގައި ދުނިޔޭގެ އެކިގައުމުތަކުން ޑެލިގޭޝަންތައް ބައިވެރިވެފައިވާއިރު އެންމެ ބޮޑު ޑެލިގޭޝަނެއް ބައިވެރިވެފައިވަނީ ރާއްޖެއިން ކަމަށް މާވޭއިން ވަނީ ބުނެފައެވެ.
މާވޭގެ ރައީސާ އަރޗަނާ ބަޓްނަރގަރ ވިދާޅުވީ މީގެ ކުރިންވެސް ސްވީޕްގައި ރާއްޖެއިން ބައިވެރިވަމުން އަންނަ ކަމަށާއި އަދި މިފަހަރުގެ ޕްރޮގްރާމުގައި ރާއްޖޭގެ ބޮޑު ޑެލިގޭޝަނެއް ބައިވެރިވުމަކީ އޮންޓްރަޕްރެނިއަރުންގެ ގޮތުގައި ކުރިއަށް ދިއުމަށް ރާއްޖޭގެ އަންހެން ކަނބަލުން ބޭނުންވެފައިވާކަން ހާމަކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ.
ރާއްޖޭގެ ޑެލިގޭޝަނުގައި އައްޑޫވިމެންސް އެސޯސިއޭޝަން (އަވަ) ، ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް)، މޯލްޑިވްސް ޗެމްބަރ އޮފް ކޮމާރސް ، މީދޫ އެކުވެރިންގެ ޗޭނު (އެމްއީސީ) އަދި އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އާއި އައްޑޫސިޓީ ކައުންސިލުން ވަނީ ބައިވެރިވެފައެވެ.
އަންހެން އޮންޓްރަޕްރިނިއަރުން ނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ސްވީޕް 2019 ގައި ކޮންފަރެންސް ގެ އިތުރުން ވިޔަފާރީގައި މަސައްކަތް ކުރާ އަންހެނުންނަށް ޚާއްޞަކޮށްގެން ތަފާތު އެކި ދާއިރާތަކުން ޕެނެލްޑިސްކަޝަން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޕެނެލް ޑިސްކަޝަން ތަކުގައި ފުރަތަމަ ދުވަހުގެ ސެޝަނުގައި މިނިސްޓަރ ޝިދާތާ އަދި ޑރ މަރިޔަމް ޝަކީލާ ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ހަމަ މިއާއެކު އަންހެނުންގެ މަސައްކަތްތައް ދައްކާލުމާއި ތަކެތި އިޝްތިހާރުކޮށް އިންޓަނޭޝަނަލް އެކްސްޕޯޓް ފުރުސަތު ފަހިކޮށްދިނުމަށް ހުޅުވާފައިވާ ސްޓޯލްތަކުގައި ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ނެޓްވޯކް ގާއިމުކޮށްދިނުމަށް ބީޓުބީ ބައްދަލުވުންތައް ވެސް މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ވަނީ ފަހިކޮށްދީފައެވެ.
ސްވީޕް 2019 ޕްރޮގްރާމުގައި ފެޝަން ޑިޒައިނަރުންނަށް އެ މީހުންގެ ފެޝަންތައް ދައްކާލުމަށް ލިބުނު ފުރުސަތުގައި ރާއްޖޭގެ ބީޗްވެއަރ ފެޝަންޑިޒައިނަރ “ރިވެލި” ސާދާ އަލީ ވަނީ ސާދާގެ ފެޝަންތައް ދައްކާލާފައެވެ. މި ޑިޒައިންތަކަށް ބައިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
މީގެ އިތުރުން ރޭ ކުރިއަށް ގެންދިޔަ ސްވީޕް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ޑރ މަރިޔަމް ޝަކީލާއާއި ޖުވެއިރިއްޔާ ވަޖުދީއަށް ވަނީ ޚާއްޞަ އެވޯޑު ދެއްވަވާފައެވެ. ޑރ ޝަކީލާއަށް އަރުވާފައިވަނީ މާވޭ ގްލޯބަލް ވިމެން އެކްސެލެންސް އެވޯޑެވެ. ޖުވެއިރިއްޔާއަށް ދެއްވާފައިވަނީ ޝެފް ދި އެކްސެލެންސް އެވޯޑެވެ.