English Edition
Dhivehi Edition

4 ވަނަ އިންޑިއަން އޯޝަން އައިލެންޑް ކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް މިއަދު ތަޤުރީރު ކުރައްވައިފި އެވެ.

4 ވަނަ އިންޑިއަން އޯޝަން އައިލެންޑް ކޮންފަރެންސް ކުރިއަށް ދާނީ މިމަހުގެ 3 ކުން 4 ކަށް ޕެރެޑައިސް އައިލެންޑް ރިސޯޓް ގައެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވަނީ އިންޑިއާ ކަނޑުގެ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތައް ކުޑަކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ޗީފް އޮފް ޑިފެންސް ފޯސް ގެ ތަޤުރީރުގައި ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ސޯޝަލް މީޑިއާއާއި ޓެކްނޮލޮޖީގެ ސަބަބުން އިސްތިރާޖީގޮތުން ޤައުމުތަކަށް އޮތް ގޮންޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން މި ސަރަހައްދުގެ ޤައުމުތަކަށް ދިމާވެފައިވާ ރެފިއުޖީންގެ މައްސަލަތަކާއި އަދި ޓެރަރިޒަމާއި މަނީ ލޯންޑްރިންއާއި ޤާނޫނާއި ގަވާއިދާ ޚިލާފު ބާވަތްތައް ސްމަގުލް ކުރުމާއި ސައިބަރ ކްރައިމްއާއި ރޭވިގެން ކުރާ ކުށުގެ ޢަމަލުތައް ހިމެނެއެވެ.

މި ކޮންފަރެންސްއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި އަމަން އަމާންކަން ޤާއިމްކުރުމުގެ ފްރޭމްވޯކެއް އެކުލަވާލުމަށް ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމުގެ މަޤްސަދުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ކޮންފަރެންސެކެވެ. މިފަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ “ސެކިއޮރިންގ ދަ އިންޑިއަން އޯޝަން ރީޖަން – ޓްރެޑިޝަނަލް އެންޑް ނޮން ޓްރެޑިޝަނަލް ޗެލެންޖަސް”އެވެ.

މިއީ އިންޑިއަން ފައުންޑޭޝަނާއި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ ކޮންފަރެންސެކެވެ.

އިންޑިޔާ ކަނޑުގެ ޤައުމުތަކުގެ ގޮތުގައި ހިމެނޭ ގިނަ ޤައުމުތަކުން ބައިވެރިވި މި ކޮންފަރެންސްގައި ޔޫއޭއީ، އޮމާން، ބަންގްލަދޭޝް، ކެމްބޯޑިއާ، ޓެންޒޭނިއާ، މިޔަންމާ، ޖަޕާން، ޕަޕުއާ ނިއުގިނީގެ އިތުރުން އިންޑޮނީޝިއާގެ ޑެޕިއުޓީ މިނިސްޓަރުންނާއި، އެމެރިކާ، ރަޝިޔާ، ޗައިނާ، ވިއެޓްނާމް އަދި މަޑަގަސްކަރައިން އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.