English Edition
Dhivehi Edition

ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސް ރާއްޖޭގައި ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި މިއަދު ފެށި 5 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި ތަޤްރީރުކުރައްވަމުންނެވެ.

މި ކޮންފަރެންސްގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އައްޑޫސިޓީ ކެމްޕަސް ކުރިމައްޗަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޝަރަފުގައި އައްޑޫ ސްކޫލްތަކުގެ ސީނިއަރ ކެޑޭޓުން ވަނީ ޝަރަފުގެ ގާޑެއް އަރުވާފައެވެ.

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް އިފްތިތާޙް ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތަޢުލީމީ ދާއިރާގައި ޤައުމުތަކުން ހޯދަމުންގެންދާ ކުރިއެރުންތައް ފާހަގަކުރައްވައި، މިފަދަ ޤައުމުތަކުގައި ބޭނުންކުރަމުން ގެންދާ ތަޢުލީމީ މަންހަޖުތައް ދިރާސާކޮށް، ދަރިވަރުންގެ ކުރިއެރުމަށްޓަކައި މިފަދަ މަންހަޖުތަކުގެ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަހަރުގެ މާރޗްމަހުގެ ތެރޭގައި ފިންލެންޑަށް ކުރެއްވި ދަތުރުފުޅުގައި ތަޢުލީމީ ދާއިރާގައި އެޤައުމުން ފެނިވަޑައިގެންނެވި ތަޢުލީމީ ސިޔާސަތުތަކުން މިސާލު ނަންގަވައިގެން ބައެއް ކަންކަން ޙިއްޞާ ކުރެއްވިއެވެ.

ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ދަރިވަރުންގެ ވިސްނުން ތަރައްޤީކުރުމަށް ޚާއްޞަ އިސްކަމެއްދީގެން ފިންލެންޑުގައި އެކުލަވާލާފައިވާ ތަޢުލީމީ މަންހަޖަކީ ތަފާތު ގޮތަކަށް ބައްޓަންކުރެވިފައިވާ މަންހަޖެއްނަމަވެސް، އެމަންހަޖުގެ ސަބަބުން ފިންލެންޑަކީ ދުނިޔޭގެ ފެންވަރުގައި ތަޢުލީމީ ދާއިރާއިން ފާހަގަކޮށްލެވޭ ޤައުމަކަށްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އއައްޑޫސިޓީގައި މިއަދު ފެށިގެން ކުރިއަށްދާ ބައިނަލް އަޤްވާމީ ޓީޗާސް ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ތަޢުލީމީ ދާއިރާގައި ދުނިޔޭގެ ފެންވަރާ ޤައުމީ ފެންވަރުގެ އިތުރުން ފަރުދީ ފެންވަރުގައި ބައިވެރިވުން އިތުރުކޮށް، ތަޢުލީމީ ދާއިރާގެ ފުންނާބުއުސް ފަރާތްތަކުގެ ޚިޔާލާއި ފަންނީ މަޝްވަރާ ޙިއްޞާކުރުމަށް އެކަށޭނަ މާހައުލެއް ޤާއިމްކޮށްދިނުމެވެ.