English Edition
Dhivehi Edition

އަވައްޓެރި ސްރީލަންކާ ގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާއި އަނބިކަނބަލުން ޕްރޮފެސަރ މައިތިރީ ވިކްރަމަސިންހައަށް ދިވެހި ސަރުކާރުން ހޫނު މަރުޙަބާއެއް މިއަދު ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރުގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވުމުގެ ގޮތުން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައެވެ. ލަންކާގެ ބޮޑުވަޒީރު މާލެ ފައިބާ ވަޑައިގަތުމުން ރައީސް ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ މަރުހަބާ ދަންނަވާފައެވެ.

ލަންކާގެ ބޮޑުވަޒީރު ގެ ޝަރަފުގައި 7 ބަޑީގެ ސަލާމެއް އަރުވައި އެމްއެންޑީއެފް ގެ އެރުވި ގާޑް އޮފް އޮނަރއެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ. އަދި ދެގައުމުގެ އިސްބޭފުޅުން ތައާރަފް ކޮށްދިނުން އޮތެވެ. ރައީސް އޮފީހަށް ވަޑައިގެން ލަންކާގެ ބޮޑުވަޒީރު ވަނީ ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި، މިމަހުގެ 3 އިން 4 އަށް ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސް 2019ގައި ބައިވެރިވެވަޑައިގެން އެ ކޮންފަރެންސްގައި ޗެއަރ ކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި އަނބިކަނބަލުން ޕްރޮފެސަރ މައިތިރީ ވިކްރަމަސިންހަގެ އިތުރުން އެ ޤައުމުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.