English Edition
Dhivehi Edition

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، ސްރީލަންކައަށް ވަޑައިގަންނަވައިފިއެވެ. ޗީފް އޮފް ޑިފެންސް ފޯސް ގެ މި ދަތުރު ފުޅަކީ ސްރީލަންކާ އަސްކަރިއްޔާގެ އާރމީ ކޮމާންޑަރ ލެފްޓިނެންޓް ޖެނެރަލް ޝަވެންދްރަ ސިލްވާގެ ޚާއްސަ ދައުވަތަކަށް ކުރަށްވާ ދަތުރުފުޅެކެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް ލަންކާއަށް ދަތުރުކުރެއްވީ އިއްޔެ ކަމަށާއި މިއަދު ހެނދުނު ސްރީލަންކާ އަަރމީގެ މައިމަރުކަޒަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ސްރީލަންކާ އާރމީގެ ފަރާތުން ޝަރަފު ގާޑެއް އަރުވާފައިވާ ކަމަށެވެ.. އަދި މެހުމާނުން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ވަނީ ސޮއި ކުރައްވާފައެވެ.

މިއަދު ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސްރީލަންކާ އަސްކަރިއްޔާގެ އާރމީ ކޮމާންޑަރާ ބައްދަލުކުރައްވައި ދެ ޤައުމުގެ އަސްކަރިއްޔާ ދެމެދު އޮތް ޒަމާންވީ ގުޅުމާއި އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައި ގުޅުންތައް ވަރުގަދަ ކުރުމާއި މަޢުލޫމާތު ބަދަލުކުރުމުގެ ނިޒާމް މިހާރަށްވުރެ ހަރުދަނާ ކުރުމުގެ އިތުރުން ދިވެހި އަސްކަރިއްޔާއަށް ސްރީލަންކާ އަސްކަރިއްޔާގެ ފަރާތުން ދެމުންގެންދާ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ދިވެހި ސިފައިންނަށް އިތުރުކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 31 ވަނަ ދުވަހުއެވެ.