English Edition
Dhivehi Edition

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނަށް މޫސުންގޯސްވެ، މޫސުމާއި ބެހޭ ޤައުމި އިދާރާ މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) ރީނދޫ އެލާޓް ނެރެފިއެވެ.

މެޓުން މިއެލާޓް ނެރެފައި ވަނީ ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ ދެ އަތޮޅު ކަމަށްވާ ފުވައްމުލަކާއި އައްޑޫ ސިޓީ ހިމެނޭ ސަރަޙައްދަށެވެ.

މި ސަރަޙައްދުތަކަށް ރީނދޫ އެލާޓް ނެރެފައި ވަނީ މިއަދު މެންދުރުފަހު 3:00 އިން ފަށައިގެން އިރުއޮއްސި 6:00 އާއި ހަމައަށެވެ. މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި އެލާޓް ގެ ވަގުތުތަކުގައި ފުވައްމުލަކާއި އައްޑޫ ހިމެނޭ ސަރަޙައްދަށް ބޯކޮށް ވާރޭވެހޭނެށާއި މި ސަރަޙައްދަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ދެކުނަށް މިއެލާޓް ނެރެފައިވާއިރު މީގެކުރިން މެޓުންވަނީ ހއ. އަތޮޅުން ފަށައިގެން ރ. އަތޮޅާއި ހަމައަށް މިއަދު ހެނދުނު 11:30 އިން ފަށައިގެން މެންދުރުފަހު 14:30 އާއި ހަމައަށް އެލާޓްނެރެފައެވެ. އެ އިދާރާއިން މިއަދު ހެނދުނު 8:00 އިން ފަށައިގެން 11:00 އާއި ހަމައަށްވެސް މި ސަރަޙައްދުތައް ހިމެނޭހެން، ހއ. އަތޮޅުން ފަށައިގެން އދ. އަތޮޅާއި ހަމައަށް ރީނދޫއެލާޓްނެރެފަ އެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. އަދި ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.