English Edition
Dhivehi Edition

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅެއްގެ ނަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ރައީސް ސޯލިހް މިއަދު މަޖިލީހަށް ފޮނުވި ދެ ނަމަކީ ޑރ އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫނު ގެ ނަމެވެ.

ޤާނޫނު ބުނާ ގޮތުން ސުޕްރީމްކޯޓަށް ފަނޑިޔާރުން އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.

ރައީސް ސޯލިހް ވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް ޑރ އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން އަށްޔަންކުރުމަށް، ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) ގެ ލަފަޔަކަށް މިދިޔަ ބުރާސްފަތި ދުވަހު އެދިފައެވެ. އަދި ޖޭއެސްސީން ވަނީ ރައީސް ހުށައެޅުއްވި ދެ ނަން ބަލައިގެންފައެވެ.

ޖޭއެސްސީން ވެސް ވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވުމަށް ފުރުސަތު ހުޅުވާލާފައެވެ. މި ފުރުސަތުގައި ހަތަރު ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އަދި ޖޭއެސްސީން ވަނީ މި ބޭފުޅުންނާއި އަޒްމިރަލްދާ އާއި ޝުޖޫން އާއި ރޭ އިންޓަވިޔު ކޮށްފައެވެ.