English Edition
Dhivehi Edition

ސަލްޓަން ޕާކްގެ ނަމުން މިހާރު ނަންދެވިފައިވާ ޕާކަށް ރަސްރަނި ބަގީޗާ ކީތާ ދެ އަހަރު ފުރުނުކަން ހާމަ ކުރައްވަމުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ޓުވީޓު ކުރައްވާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ތަރައްގީ ކުރި ރަސްރަނި ބަގީޗާގެ ނަން ބަދަލުކުރި ނަމަވެސް ރައީސް ޔާމީނުގެ ތަރައްގީ ރައްޔިތުންގެ ހިތުން ފިލައިގެން ނުދާނެ ކަމަށެވެ. ސަލްޓަން ޕާކުގައި ޒަމާނީ ފެންވަރުގެބަގީޗާއެއް ތަރައްގީކޮށް އެތަނުގެ ނަން ރަސްރަނީގެ ނަމަށް ބަދަލުކުރީ ރައީސް ޔާމީނުގެ ވެރިކަމުގައެވެ. ފަހުން ސަރުކާރު ބަދަލުވެ، މިދިޔަ އޯގަސްޓް 30 ވަނަ ދުވަހު ވަނީ އެތަނުގެ ނަން އަނެއްކާ ވެސް ސަލްޓަން ޕާކަށް ބަދަލުކޮށްފައެވެ.

ރަސްރަނި ބަގީޗާ ހުޅުވިތާ މިއަދު ދެ އަހަރުވެފައިވާއިރު އެކަމުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ކުޑަކުދިންނާ އާއިލާ ތަކަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން މުއިއްޒު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެތަނުގެ ނަން ބަދަލު ކުރިޔަސް ރައްޔިތުންގެ ހިތުން ތަރައްގީ ނުފިލާނެ ކަމަށެވެ.

ދެހާސް ސަތާރަ ވަނަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ހުޅުވި ރަސްރަނި ބަގީޗާގައި ވިންޓާ ތީމް ޕާކެއް ތަރައްގީ ކުރެވިފައިވާއިރު އާންމުންނަށް ހިތްފަސޭހަ ކޮށްލެވޭނެހެން އެތަނުގައި އުނދޯއްޔާއި ޖޯލިތައް ބެހެއްޓިފައިވެއެވެ.

ރަސްރަނި ބަގީޗާގެ ނަން، އެތަނަށް ކުރިން ކިޔަމުން އައި ސަލްޓަން ޕާކުގެ ނަމަށް ބަދަލުކުރުމާ އެކު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މި ޕާކްވަނީ ރައީސް ޔާމީނުގެ ދައުރުގައި އެމްއެންޑީއެފްއާ ހަވާލުކޮށްގެން އެތަން ތަރައްގީކޮށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރުވަނީ އެތަނުގެ ނަން އަލުން ސަލްޓަން ޕާކަށް ބަދަލުކޮށް ބޯޑުވެސް ހަރުކޮށްފަ އެވެ.

މިކަމާ ނުރުހުންފާޅުކުރައްވަމުން މީގެ ކުރިން މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތަރައްގީ ކުރި ތަންތަނަށް ނަން ކިއުމުގައި ކުރީގެ ސަރުކާރުން ބެލީ ވީހާ ވެސް ދިވެހި ވަންތަ ތާރީޚް އާލާވާ ނަންތައް ކިޔަން ކަމަށާއި އޭގެތެރޭގައި ރާވެރިބޭ މައިޒާނާއި ހިއްތަން މައިޒާނާއި ރެހެންދި މައިޒާނާއި އިސްކަނދަރު މައިޒާންގެ އިތުރުން ރަސްފަންނު މައިޒާން ހިމެނޭ ކަމަށެވެ.

ރަސްރަނި ދިވެހި ބަހުގައި ބޭނުން ކުރަނީ ރަސްރަސްކަލުންނާއި ރަނިކަނބަލުންނަށް ކުރުކޮށް ކިޔާ ނަމެއްގެ ގޮތުގަ އެވެ. އަދި ރީތި އަންހެނުންނަށް ނިސްބަތްކޮށް ވެސް ރަސްރަނި ބޭނުންކުރެ އެވެ.

ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާކަށް ބަދަލުކުރީ ކޮން ތާރީޚެއް އާލާކުރަންތޯވެސް މުއިއްޒު ކުރިންވަނީ ސުވާލު ކުރިމަތި ކުރައްވާފައެވެ.

މީލާދީން 1968 ގައި ވިރާސީ ވެރިކަން ނިމުމާ އެކު އޭރު ގަނޑުވަރު ހުރި ތަން ބަދަލުކުރީ ސަލްޓަން ޕާކަށެވެ. އޭރުއްސުރެންފެށިގެން ރައީސް ޔާމީން ގެ ދައުރުގެ ފަހު އަހަރާ ޖެހެންދެން އެތަނަށް ސަލްޓަންޕާކް ކިޔަމުން އައިސްފައިވެއެވެ.