English Edition
Dhivehi Edition

މޫނުތެޔޮ ވުމަކީ ވަރަށްގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. އާންމުކޮށް ތެޔޮހަންގަނޑެއް ހުންނަނަމަ މޫނުގައި ބިހިތައްނަގާ ރަނގަޅުނުވެ ދުވަސްވެ އަދި ލަކުނުލައެވެ. ތެޔޮހަންގަނޑެއް ލިބިފައިވާ މީހެއް ނަމަ ވަކިން ހާއްސަކޮށް ހަންގަޑާމެދު ސަމާލުވާން ޖެހެއެވެ. އެގޮތުން މޫނުގައި އުނގުޅާ ސައިބޯނި، ފޭސްކްލީނަރ، ފޭސްކްރީމް ފަދަ ތަކެތި ގަންނަ އިރު އޮއިލީ ސްކިންއަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ތަކެތިބޭނުން ކުރަން ޖެހެއެވެ. އަދި ގިނަގިނައިން މޫނު ދޮވެ ސާފުކުރަންވެސް ޖެހެއެވެ. ތިރީގައި މިވަނީ މޫނު ތެޔޮވާނަމަ ގޭގައި ތައްޔާރުކޮށްގެން ބޭނުން ކޮށްލެވިދާނެ ކެމިކަލްފްރީ ފޭސްޕެކް ތައްޔާރު ކުރާނެގޮތް.

ޓާމެރިކް މިކްސް ފޭސްޕެކް:

ޓާމެރިކް ޕައުޑަރ (ރީނދޫ) އަދި ސޭންޑަލް ވުޑް ޕައުޑަރ ފެންފޮދެއްގައި އޮލަކޮށް ގިރާލުމަށްފަހު މޫނުގައި އުނގުޅާފައި 15 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. މި ފޭސްޕެކް ކޮންމެ ދުވަހަކު އެއްފަހަރު ބޭނުން ކޮށްލެވިދާނެއެވެ.

ރޯސްވޯޓަރ ސޭންޑަލްވުޑް ޕޭސްޓް:

ސޭންޑަލް ވުޑް ޕައުޑަރ އަށް ރޯސްވޯޓަރ އެޅުމަށްފަހު ފޭސްޕެކް ތައްޔާރުކޮށް މޫނުގައި އުނގުޅާށެވެ. މިފޭސްޕެކް ކޮންމެދުވަހަކު މޫނުގައި އުނގުޅާނީ 15 މިނެޓް ވަންދެން ނެވެ.

މަލްޓަނި މިއްޓި ރޯސްވޯޓަރ ޕޭސްޓް:

ރޯސްވޯޓަރ، މަލްޓަނި މިއްޓި ޕައުޑަރ އަދި ލުނބޯ ޖޫސް އެއްކޮށްފައި ޕޭސްޓް ތައްޔާރުކުރުމަށްފަހު މޫނުގައި ހަފްތާއަކު 3 ދުވަހު އުނގުޅާށެވެ. މި މާސްކް އިން މޫނުގައި ހުންނަ ލަކުނު ފިލުމުގެ އިތުރުން ހަންގަނޑު އަލިކޮށްދޭނެއެވެ.

ސިނަމަން ޕޭސްޓް:

ސިނަމަން (ފޮނިތޮށި) ޕައުޑަރ، ލުނބޯ ޖޫސް އަދި މާމުއި ކޮޅެއް އެއްކޮށްލުމަށްފަހު ޕޭސްޓް ތައްޔަރު ކުރާށެވެ. މި ޕޭސްޓް ކޮންމެ ދުވަހަކު މޫނުގައި އުނގުޅާފައި 1 ގަޑި އިރުވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. މިޕޭސްޓުން މޫނުގައި ހުންނަ ލަކުނު އަދި ބިހިތައް ފިލާނެއެވެ.

މޫނުރީތުކުރަން ބާޒާރުން ކެމިކަލް އެކުލެވޭ އަގުބޮޑު ތަކެތި ގަނެގެން ބޭނުން ކުރުމުގެ ބަދަލުގައި ހަންގަނޑަށް ގެއްލުން ނުވާ، އެއްވެސް ކެމިކަލް އެއް ނުހުންނަ ތަކެތި ބޭނުން ކޮށްގެން ފަރުވާ ހޯދުމަކީ އެންމެ ފަސޭހަ އަދި އެންމެ ރައްކާތެރި ގޮތެވެ.