English Edition
Dhivehi Edition

ކޮންމެ ދުވަހަކު ކިތައްގަޑިއިރު ލޯގަނޑުކުރިމަތީގައި މޭކަޕް ކުރުމަށް ހުރެވޭހެއްޔެވެ؟ މޭކަޕް އަކީ އަސްލު މީހާގެ ރީތިކަން ގެނުވާ އެއްޗެއްނޫނެވެ. މޭކަޕް ބޭނުން ކޮށްގެން ކޮންމެ މީހެއްގެ ސިފަވެސް އަސްލާ އެއްގޮތް ނުވާގޮތަށް ބަދަލުކޮށްލެވެއެވެ. ކޮންމެ މީހަކީވެސް ރީތިމީހެކެވެ. އެމީހަކަށް ޤުދުރަތީ ގޮތުން ލިބިފައިވާ ސިފަ ބޭނުން ކޮށްގެން ރީތިވާން އިނގެނީ ކިތައް މީހުންނަށް ބާވައެވެ؟

ހަގީގަތަށް ބުނާނަމަ ހެނދުނު ހޭލައިގެން ގޮސް ރޭގަނޑު ނިދުމާއި ދެމެދު ކޮންމެދުވަހަކު ކުރަންވާ ކަންތައް ފަރުވާ ބަހައްޓައިގެން ކުރިޔަށް ގެންދެވޭ ކަމަށް ވާނަމަ ހަށިގަނޑަށް ޤުދުރަތީ ގޮތުން ލިބިފައިވާ ރީތިކަން ފެންނާނެއެވެ. ރީތިކަމުގެ އެންމެ ބޮޑުއަސްލަކީ އިންސާނާއަށް ދުޅަހެޔޮ ސިއްހަތެއް ލިބިފައިވުމެވެ. މިގޮތުން ސިއްޙަތަށް ފައިދާހުރި ގޮތްގޮތަށް އަމަލު ބެހެއްޓުން ވަރަށް މުހިންމެވެ. ތިރީގައި މިވަނީ ޤުދުރަތީ ރީތިކަން ގެނައުމަށް ކޮންމެ ދުވަހަކު ބޭނުން ކުރެވިދާނެ ބައެއް ކަންކަމެވެ

ހަންގަޑު އޮމާންކޮށް ރީތިކޮށްދޭ މޭވާޔާއި ތަރުކާރީ ބޭނުން ކުރާށެވެ. ކޮންމެދުވަހަކު ކެއުމުގައި ނިއުޓްރިޝަން ހިމެނޭ ކާނާބޭނުން ކުރާށެވެ. އަދި އޮމޭގާ3 ފެޓީ އެސިޑް ހިމެނޭ ފުރުޓް ބޭނުން ކުރުނވެސް އާދަކުރާށެވެ. މިސާލަކަށް ވިޓަމިން ގިނަ ވޯލްނަޓްސް، ވިޓަމިން ތަކުން މުއްސަނދިވެފައިވާ ކާނާ ކަމަށްވާ އޯރެންޖް، ކައްޓަލަ، ބަރަބޯ، އަދި ޕްރޮޓީން ލިބިދޭ ބިސް، ކުކުޅު، ކިޑްނީބީންސް، މުގު، ސަނާމުގު އަދި ޗީޒްހިމެނެއެވެ

ގިނަގިނައިން ފެންބޯށެވެ. ފެނަކީ މުޅިހަށިގަނޑު ހިންގުމުގައި އެންމެ އިސް ރޯލެއް އަދާކުރާ އެއް ބާވަތެވެ. ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން 8 ތަށި ފެންބޯންވާނެއެވެ. ގިނައިން ފެންބުއިމުން ހަށިގަނޑުގައި ހުންނަ ވިހަބޭރުކޮށް ހަންގަނޑުވެސް ތާޒާކޮށް ބަހައްޓައިދެއެވެ. ފެނަށް ކިއުކަމްބާ، ލުނބޯ، ޒުކިނީ، މިންޓްފަތް އަޅާފައި ޑިޓޮކްސް ވޯޓަރއެއްގެ ގޮތުގައި ބޭނުން ކުރުމުންވެސް ހަންގަނޑުރީތިކޮށްދެއެވެ

ފޯނު ޗާޖު ކުރަން ޖެހޭގޮތަށް ކޮންމެ މީހަކުވެސް އެމީހެއްގެ ހަށިގަނޑު ޗާޖުކުރުމަށް ހަށިގަނޑަށް އަރާމުބޭނުން ވެއެވެ. މިގޮތުން 6ގަޑި ނުވަތަ 8 ގަޑިއިރުގެ ނިދުން އިންސާނާއަށް ބޭނުންވެއެވެ. ބޭނުންވާވަރަށް ނިދި ނުލިބުމުން މީހާގެ ލޯކައިރި ކަޅުވުމާއި ހަށިގަނޑަށް ބޭނުންވާވަރަށް އަރާމު ނުލިބުމުން މުޅިދުވަހުގެ މޫޑްނެތިގެންދެއެވެ. ރަނގަޅަށް ނިދިލިބިފައިވާ މީހަކު ހެނދުނު ހޭލާއިރު އެމީހަކު ހުރީ ތާޒާކަންމަތީގައިކަން އިޙްސާސް ކުރެވޭނެއެވެ

ކަސްރަތުކުރުމަކީ އިންސާނާގެ ރީތިކަން ދަމަހައްޓާ އެއް ކަމަށް ވާއިރު ދުޅަހެޔޮ ސިއްޙަތެއްގައި މީހާ ހުރުމަށް މަގުފަހިކޮށްދީ، އަދި ސިކުނޑިޔަށް ތާޒާކަން ގެނެސްދީ މުޅިމީހާ އެކްޓިވްކޮށްދޭކަމެކެވެ. ކޮންމެދުވަހަކު މަދުވެގެން 30 މިނިޓް ކަސްރަތުކުރަން ވާނެއެވެ. ކަސްރަތު ގަވައިދުން ކުރާނަމަ ހަށިގަނޑުގެ ބައްޓަން ރީތިކޮށްދިނުމުގެ އިތުރުން ހަންގަނޑަށް ތާޒާކަން ގެނުވައި ދޭނެއެވެ

ހަށިގަނޑުގެ ބައްޓަން ފިޔަވައި އެންމެ އިސްކަމެއް ދޭންޖެހޭ އަނެއް ކަމަކީ އަބަދުވެސް ހަނގަނޑާއި، ދަތް އަދި އިސްތަށިގަނޑު ރީތިކޮށްބެހެއްޓުމެވެ. މިގޮތުން ހަންގަޑު އަދި އިސްތަށިގަނޑާ ގުޅޭ ގުދުރަތީ އެއްޗެހި ބޭނުން ކުރުން ވަރަށް މުހިންމެވެ. ހަންގަނޑާއި އިސްތަށިގަނޑަށް ބޭނުންކުރެވޭ ޝޭމްޕޫ އަދި ފޭސްކްރީމް އަކީ އެމީހާއާއި ގުޅޭ އެއްޗެއްތޯ ބެލުން ވަރަށް މުހިންމެވެ. މަދުވެގެން ކޮންމެ ދުވަހަކު 3 ފަހަރު ދަތްއުނގުޅަން އާދަކުރަންވާނެއެވެ

މަތީގައިވާ ކަންކަމަށް ފަރުވާތެރިވެ، ގަވާއިދުން މިކަންކަން ކުރާނަމަ މީހާގެ ޤުދުރަތީ ރީތިކަން އިތުރުކޮށް ދޭނެއެވެ. އަދި ރީތިވާން ކޮންމެހެން އެކިވައްތަރުގެ މޭކަޕް ބޭނުންކުރާކަށް ނުޖެހޭނެއެވެ