English Edition
Dhivehi Edition

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ އެކައުންޓަށް ކުރީގެ ނައިބުރައީސް އަހްމަދު އަދީބް ފައިސާތަކެއް ޖަމާކުރި ކަމަށް ބުނެ ފަތުރަމުންގެންދާ ވާހަކަތަކަކީ ސިޔާސީ ބޭނުންތަކެއް ހާސިލްކުރުމަށް ހަދައިގެން ދައްކަމުން ގެންދާ ވާހަކަތަކެއް ކަމަށާއި އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އެހެން މީޑއާއަކަށް ވެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ރައިސް ސޯލިހުގެ އަމިއްލަފުޅު އެކައުންޓަކަށް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް، 37 މިލިއަން ރުފިޔާ ޖަމާކުރި ކަމަށް ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

“ރައިސް ސޯލިހުގެ އެކައުންޓަށް އަހްމަދު އަދީބް ފައިސާތަކެއް ޖަމާކުރި ކަމަށް ބުނެ ފަތުރަމުންގެންދާ ވާހަކަތަކަކީ ސިޔާސީ ބޭނުންތަކެއް ހާސިލްކުރުމަށް ހަދައިގެން ދައްކަމުން ގެންދާ ވާހަކަތަކެއް . ރައީސް ސޯލިހުގެ އެކައުންޓެއް މެލޭޝިއާގައި ހުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންގެންދާ ވާހަކަތަކަކީ ވެސް ހަގީގަތާއި ޚިލާފު ވާހަކަތަކެއް ” ހޫދު ވިދާޅުވެފައިވެއެވެ.
މި މައްސަލައާއި ގުޅޭ ގޮތުން މީގެ ކުރިން ބައެއް ނޫސްތަކުގައި ބުނެފައިވަނީ ރައީސް ސޯލިހްގެ އެކައުންޓަށް އަހްމަދު އަދީބް 37 މިލިއަން ރުފިޔާ ޖަމާކޮށްފައިވަނީ ނައިބް ރައީސްގެ މަގާމާ އަދީބް ހަވާލުވެވަޑައިގަތުމުގެ ކުރިން ކަމަށެވެ. އަދި މި ފައިސާ ޖަމާކުރީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެވޭ އެންމެ ދަށް އުމުރު ބަދަލުކުރުމަށް ގާނޫނުއަސާސީއަށް 2015 ވަނަ އަހަރުގެ ތެރޭގައި ގެނައި އިސްލާހު ގެނެސް އަދީބް ނައިބް ރައީސަކަށް ވެވަޑައިގަތުމަށް ކަމަށްވެސް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.