Addu Eid Samaa 1440 nimmaalaifi- rayyithunge shukuru councilah - AO News Addu Eid Samaa 1440 nimmaalaifi- rayyithunge shukuru councilah

ކޮވިޑް 19ކަވަރޭޖް

6,573,568CONFIRMED
3,170,532RECOVERED
3,014,995ACTIVE
388,041DEATHS
1850CONFIRMED
644RECOVERED
1199ACTIVE
7DEATHS
އައްޑޫ އީދިސަމާ 1440ނިންމާލައިފި- ރައްޔިތުންގެ ޝުކުރު ކައުންސިލަށް
10 މަސް ކުރިން

ނިމިގެން މިދިޔަ އަޟްޙާ އީދަކީ އައްޑޫސިޓީއަށް އައި ތަފާތު އީދެކެވެ. ހިނިތުންވުމާއި އުފާވެރިކަން ރައްޔިތުންނަށް ގެނެސްދިން އީދެކެވެ.  އީދު ކުޅިވަރުތަކު ފުރިފައިވި ފޯރި ގަދަ އީދެކެވެ.

Advt

Advertisement

މީގެ ކުރިން އައްޑޫއަށް ނާންނަހައި އުފާވެރި އީދެއް އައްޑޫސިޓީއަށް ގެނެސްދިނީ އައްޑޫގެ ރައްޔިތުންނެވެ. އެހީތެރިކަން ފޯރުކޮށްދިނީ އައްޑޫސިޓީ ކައުންސިލުންނެވެ. ހަރަކާތްތަކުގައި އިސްވެ އުޅުނީ އައްޑޫއަށް ނިސްބަތްވާ ޖަމިއްޔާ ޖަމާއަތް ތަކުންނެވެ. އުފާވެރިކަން ލިބިގެންދިޔައީ މުޅިއައްޑޫސިޓީއަށެވެ. “އައްޑޫ އީދު ސަމާ 1440” ހަމަ ވަރަށް ވެސް ފުރިހަމައެވެ.

އައްޑޫ އީދު ސަމާ ގެ ނަމުގައި އީދުގެ ހަރަކާތްތައް ފެށިގެން ދިޔައީ އައްޑޫގެ ބައެއް ޖަމިއްޔާތަކުގެ އިސްނެގުމާއެކު މިކަމަށް މަސައްކަތް ފަށައިގަތް ހިސާބުންނެވެ. ހަމަ އެއާއެކު ހުރިހާ ޖަމިއްޔާތަކަށް ހަމަހަމަކަމާއެކު އީދުގެ ކުޅިވަރުތައް ފާހަގަކުރުމަށް އައްޑޫސިޓީ ކައުންސިލުން ވެސް ފުރުސަތު ހޯދައި ދެއްވުމާއި ހަމައިން ފެށިގެންނެވެ. އެގޮތުން އައްޑޫސިޓީ ކައުންސިލުން ވަނީ އީދަށް ދުވަސް އޮއްވައި ދުރާލާ  އައްޑޫގެ ހުރިހާ ޖަމިއްޔާތަކާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި އައްޑޫސިޓީގެ މޭޔަރ ވިދާޅުވެފައިވަނީ އައްޑޫގައި އީދު ދުވަސްތައް ބައެއް ސަރަހައްދުތަކުގައި މިހާރުވެސް ފާހަގަ ކުރާ ކަމަށާއި ނަމަވެސް ކުލަގަދަކޮށް ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭނެ ފަދަ ގޮތަކަށް އީދު ފާހަގަ ކުރެވިފައި ނުވާކަމަށެވެ. އެހެންކަމުން އައްޑޫގެ ހުރިހާ ރައްޔިތުން ގުޅިގެން ކައުންސިލުން އިސްވެ އޮވެ މިފަދަ ކުލަގަދަ އީދެއް އައްޑޫގައި ފާހަގަކުރުމަށް ބޭނުންވާ ކަމަށެވެ.

މިހާ ހިސާބުން އައްޑޫގެ އެކިއަވަށްތަކުން މިކަމަށް މަސައްކަތް ފެށީއެވެ. ވާދަވެރި ރޫހެއްގައެއްނޫނެވެ. އުފާވެރިރޫހެއްގައެވެ.  އައްޑޫސިޓީ ކައުންސިލުން މިކަމަށް ބަޖެޓް ކޮށްދެއްވަވައި ޖަމިއްޔާ ޖަމާއަތް ތަކުން ރޭވި ހުރިހާ ކަންތައްތައް ކުރެވޭނެ މަގުފަހިކޮށް ދެއްވިއެވެ. ޖަމިއްޔާ ތަކުން އަތުކުރި އޮޅާލީ ރެއެއް ދުވާލެއް ނުބަލައި މިކަން އެންމެ ފުރިހަމައަށް ކުރެވޭތޯ ބެލުމަށެވެ.  ސްކޫލްތަކުން ދަރިވަރުން ތައްޔާރުކުރަމުން ދިޔައީ އީދު ކުޅިވަރުތަކުގައި އެކުދިންގެ ހަރަކާތްތައް ބައިވެރިކުރުމަށެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އުފާވެރި “އީދު ސަމާ” އެއް އައްޑޫއަށް އައުމެވެ. ކުދިބޮޑު އެންމެންނަށް އީދުގައި މަޖާކުރެވުމެވެ.

އީދު ތެރޭގައި ފާހަގަކުރެވުނު ކުޅިވަރުތަކަށް ބަލާއިރު ސަގާފީ ގިނަ ކަންތައްތަކެއް ފެނި ދަސްވެގެން ދިޔަ ކަމަށް ކުޅިވަރުތަކުގައި ބައިވެރިވި މީހުން ވެސް ދިޔައީ ބުނަމުންނެވެ.  އަވަށްތަކުން ބޭއްވި ޕެރޭޑް ތަކުގައި ފެނުނު ބޮޑު މާލިއާއި ތަފާތު އެކިއެކި ކުޅިވަރުތަކުން ފެނިގެންދިޔަ ސަގާފީކަންކަން ގިނަ ބަޔަކަށް ވަރަށް ކަމުދިޔައެވެ. މީގެ އިތުރުން ކުޑަކުދިންނާއި ޒުވާނުންނާއި އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ހަރަކާތްތައް ކުރިއަށް ގެންދިއުމުން އެއްވެސް މީހަކު ބާކީވެފައެއް ނުވެއެވެ،

އީދު ދުވަހަށް ޚާއްޞަކޮށްގެން ހަރަކާތްތައް ކުރިއަށް ގެންދަނިކޮށް އީދުވިލޭރެއާއި އީދުދުވަހު އައްޑޫއަށް ކުރި ވިއްސާރައިގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތުގެ ނަމާދުކުރެވޭ ގޮތް ނުވިނަމަވެސް އެދުވަހުވެސް ފެނިގެން ދިޔައީ އެއްބައިވަންތަކަމާއި އެކުވަންތަކަމެވެ. ގިނަ ގޭގެގެ ފުރާޅު އެއްލާލައި ގަސްރުއް ވެއްޓި ބައެއް އާއިލާތައްހާލުގައި ޖެހުނު ވަގުތު، އެހީތެރިވާން އެންމެން އަތުކުރި އޮޅާލީ އީދު ފޯރިއާއި އެކުގައެވެ.  އެންމެން އެކުވެރިކަމާއެކީގައެވެ.

އައްޑޫގެ ކޮންމެ ރައްޔިތަކުވެސް ބޭނުންވަނީ މިފަދަ އީދުތަކެއް އައްޑޫއަށް އައުމަށެވެ. އެކުވެރިކަމާއެކު ރައްޔިތުން އުފާފާޅުކުރާނެ ފުރުސަތުތައް ފަހިކޮށް ދިނުމަށެވެ. މި އީދު މިހާ ކާމިޔާބު ވެގެން މިދިޔައީ އައްޑޫސިޓީކައުންސިލުން ވެ ދެއްވެވި އެހީތެރިކަމާއި އެއްބާރުލުމާއެކުގައި ކަމުން ގިނަ ބަޔެއްގެ ޝުކުރު ކައުންސިލަށް އޮތީ އޮހިއޮހިއެވެ. ޖަމިއްޔާ ޖަމާއަތްތަކުން ކުރި ބުރަ މަސައްކަތްތަކަށް އައްސަރި ބަހާއި ސާބަހެވެ!