English Edition
Dhivehi Edition

އައްޑޫ ސިޓީ އުތުރު ދާއިރާގެ ޒުވާނުންތަކެއްގެ އިސްނެގުމުގެ މަތިން ‘ އުތުރު ސައުފު’ މި ނަމުގައި އުތުރު ދާއިރާ ސާފުކުރުމުގެ ޕްރޮގްރާމެއް އަންނަ ހޮނިހިރު ދުވަހުން ބާއްވަން ނިންމައިފިއެވެ.

މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 17 އޯގަސްޓް 2019 ވާ ހޮނިހިރުދުވަހުގެ ހެނދުނު 6:00 އިން 08:30 އަށެވެ. މި އިވެންޓްގައި ހިތަދޫ ސްކޫލް ވަށައިގެން އޮންނަ މަގާއި ހިތަދޫ ސްކޫލް ކުރިމަތީ އޮތް ޕާކު ސާފު ކުރުމަށް ހަމަޖެހިފައިވާއިރު މި ހަރަކާތައް ހިތަދޫގެ ޖަމްމިއްޔާ ޖަމާއަތްތަކާއި، ސްކޫލްތަކާއި އަދި ރައްޔަތުންގެ އެއްބާރުލުމާއި، ބައިވެރިވުން ލިބިގެންދާނެކަމަށް މި ހަރަކާތް އިންތިޒާމްކުރާ ފަރާުތުންވަނީ ބުނެފައެވެ.

މި ހަރަކާތަކީ އުތުރު އަވަށުގެ މަގުތަކާއި ޕާކްތަކާއި އަދި ހޭޅިފަށް ފަދަ ތަންތަން ވިނަ ނޮޅައި ސާފުކޮށް އެތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ މަގްސަދުގައި އުތުރުގެ ޒުވާނުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން ދުނިޔޭގެ ސާފުކުރުމުގެ ދުވަހަށްވެސް ގިނަ ހަރަކާތްތަކެއް ދަނީ ރާވަމުންނެވެ. މި ގޮތުން ސެޕްޓެމްބަރު 21 ވަނަ ދުވަހު ބާއްވާ ހަރަކާތްތަކުގައި ގަސްއިންދުމުގެ ޕްރޮގްރާމެއްގެ އިތުރުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި އަދި އުތުރު ދާއިރާގެ ހުރިހާ ސަރަހައްދެއް ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ދާނެއެވެ.

މި ހަރަކާތައް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ‘އުތުރު ސައުފު’ ސްޓިއަރިންގ ކޮމިޓީގައި ހަރަކާތްތެރިވާ އުތުރު ދާއިރާގެ ޑްބަލިއު.ޑީ.ސީ މެމްބަރު އަދި އެ ކޮމިޓީގެ ރައީސާ އައިޝަތު ނަދާ ވަނީ ވިދާޅުވެފައެވެ. ނަދާގެ އިތުރުން މި ޓީމުގައި އެކި ދާއިރާތަކުން ފުންނާބު އުސް ތަޖްރިބާކާރުންގެ 20 ބޭފުޅުން ހަރަކާތްތެރިވަމުން ދެއެވެ. މި ހަރާކާތުގައި ވިހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ މިކަން އިންތިޒާމްކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.

އުުތުރު ދާއިރާގެ ޒުވާނުންގެ އިސްނެގުމާއި އެކު އަޟްހާ އިދު ދުވަހުވެސް ވަނީ އައްޑޫ ސިޓީ އީދި ސަމާ 1440 ގެ ދަށުން އީދު ސައި ހެދުން ބާއްވާފައެވެ. އީދު ނަމާދަށް ފަހު ހިތަދޫ ސްކޫލްގައި ބޭއްވި ސައިގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ އާއިލާ އާއި އެކު ފޮޓޯ ނެގުމާއި އީދު ސަލާންކުރުންވަނީ ކުރިއަށް ގެންގޮސްފައެވެ.