English Edition
Dhivehi Edition

އައްޑޫސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުން ނިކުމެ “އުތުރު ސައުފު” މި ނަމުގައި އެ ދާއިރާގެ ބޮޑު ސަރަހައްދެއް ސާފުކޮށް 10 ޓަނުގެ ކުނި ނަގައިފިއެވެ.

ހިތަދޫ އުތުރު އަވަށުގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 10 ޓަނުގެ ކުނި ނަގައި ސާފުކޮށްފައިވާ ކަމަށް އިވެންޓް އިންތިޒާމު ކުރި އުތުރު ސައުފު ޓީމުން ބުނެއެވެ.

ހޮނިހިރު ދުވަހު ހެނދުނު 6:00 އިން ފެށިގެން 8:30 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ އަވަށުގެ ގިނަ ބަޔަކު ވަނީ ނިކުމެ މި ކަމުގައި ބައިވެރިވެފައެވެ. މީގެ ތެރޭގައި ކްލަބު ރިވެރިން، ސަންރައިޒް، ބީޓެކް، ޕޮލިސް، ޒެފިއަރ، ރެޑްކްރެސެންޓް، އަދި ހިތަދޫ ސްކޫލުގެ ކެޑޭޓުންނާއި އުތުރު ދާއިރާގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

އިއްޔެ ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސާފުކޮށްފައިވަނީ ހިތަދޫ ސްކޫލުގެ ވަށައިގެން އޮތް މަގުތަކާއި އެސްކޫލުގެ ކުރިމަތީގައި އޮތް ޕާކު ސަރަހައްދެވެ.

މިއީ “މިއީ އަފިރިންގެ ތަންގަނޑަ، އަފިރިއެ ނަލަކެރާށުމާ” މި ޝިއާރުގެ ދަށުން ދާއިރާގެ މަގުތަކާއި ހޭޅި ފަށާއި ޕާކުފަދަ ތަންތަން ވިނަ ނޮޅައި ސާފުކޮށް ރީތި ކޮށް ބޭއްވުމުގެ މަގުސަދުގައި އުތުރުގެ ޒުވާނުން ފަށައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެފަރާތުން ވަނީ މި އިވެންޓްގައި އަމަލީ ގޮތުންނާއި އެ ނޫންގޮތްގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

 

“މިއީ ވަރަށް ބުރަ މަސައްކަތެއް. ބައިވެރިވި މީޙުންވަނީ ވަރަށް ހިތްވަރުކޮށްފައި. ވަރަށް ބޮޑު ސަރަހައްދެއްގެ ސާފުކޮށްފައިވާއިރު ނެގި ކުނީގެ އަދަދު 10 ޓަނަށް އަރާ. އެހެންނަމަވެސް މިއީ އަދި ސާފުކުރަން ހުރި ތަންތަނުގެ ވަރަށް ކުޑަ އޭރިއާއެއް. މިއީ ފެށުމެއް. އަޅުގަނޑުމެން މިކަން ހުއްޓާލާނީ އިރާދަކުރެއްވިއްޔާ އުތުރު އަވަށް އެއްކޮށް ސާފުކޮށް ނިންމަމުން” އިވެންޓްގައި އިސްކޮށް ހަރަކާތްތެރިވި ފަރާތަކުން ވިދާޅުވިއެވެ.

މި ޓީމުން ބުނީ އުތުރު ސާފުން އަންނަނީ ސެޕްޓެމްބަރ 21 ވަނަ ދުވަހު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ބޭއްވުމަށް ތައްޔާރުވަމުން ކަމަށާއި މި ޓީމުގެ އެދުމަކީ ދާއިރާގެ ހުރިހާ ރައްޔިތުން ނިކުމެ މިހަރަކާތުގައި ބައިވެރިވެ ދިނުން ކަމަށެވެ.