އައްޑޫސިޓީއަށް ކުރަމުން އަންނަ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން އަޟްޙާ އީދުގެ ބޮޑު ޖަމާއަތް ނުބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އައްޑޫގެ އެކި އަވަށްތަކުގައި އީދުގެ ބޮޑު ޖަމާއަތް ބޭއްވުމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅައި އެސަރަހައްދުތައް އެކަމަށް ތައްޔާރުކޮށްފައިވީ ނަމަވެސް ރޭއްސުރެން ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި އެސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ.
މި ވިއްސާރައިގައި ރޭ ދަންވަރު އައްޑޫ ސިޓީގެ ބޮޑު ބަޔަކުން ވަނީ ކަރަންޓް ވެސް ކެނޑިފައެވެ. އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށު ތެރޭގައި ވަަރަށް ބޮޑު ވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.
ވިއްސާރަވުމާއި ގުޅިގެން ގަން އެއާޕޯޓަށް ޖައްސަން އޮތް ފްލައިޓެއްވެސް ރޭ ވަނީ ޑައިވާޓްކޮށް އެނބުރި ހުޅުލެއަށް ޖައްސާފައެވެ.
އައްޑޫއަށް ގަދަ ވަޔާއެކު ކުރަމުން އަންނަ ވިއްސާރައިގައި ގަހެއް ވެއްޓި މީހަކަށް ވެސް ވަނީ އަނިޔާވެފައެވެ.