ކުރިއަށް އޮތް ދުވަސްތަކުގައި މި ސަރުކާރުން އާ ކަންތައްތަކެއް ކުރަމުންދާ މަންޒަރު ފެންނާނެ ކަމަށާއި ނަމަވެސް އެންމެ ފުރަތަމަ ކުރަންޖެހިފައިވާ ކަމަކީ ބަޔަކު ކޮށްފައި ހުރި ނުރަނގަޅު ކަންތައްތައް ރަނގަޅުކޮށް ތަން ސާފުކުރުން ކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ބައިގައި ހެލްމެޓް އެޅުން ފިޔަވައި އާ ކަމެއް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ކުރެވިފައިވޭތޯ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ފުރަތަމަ ގޯސްކޮށް ހުރި ކަންކަން ރަނގަޅުކޮށްގެން ނޫނީ ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި މިހާރު ކުރަމުންދާ ކަމަކީ ކަންކަން ރަނގަޅުކުރުން ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޕާކިން މައްސަލަ އަށް ހައްލު ނުހޯދައި، ފުލުހުން ސްޓިކާ ޖަހަމުން އަންނަ ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝާ ވިދާޅުވީ ދިވެހިންގެ އާދަތައް ހުންނަ ގޮތުން، އެބަޔަކު ދާތަނެއްގެ ކުރިމަތީގައި ޕާކު ނުކުރެވޭ ނަމަ، ޕާކިން ޒޯނަކަށް ބެލުމެއް ނެތި ޕާކު ކުރަމުން ދިއުމަކީ މިއަދުވެސް ފެންނަމުން ދާ ހަގީގަތެއް ކަމަށެވެ.
އަދި އެކަން އެގޮތަށް ކުރުުމުގެ ސަބަބުން އެކަމުގެ އުނދަގޫ ރައްޔިތުންނަށް ކުރިމަތިވާ ކަމަށާއި، އެއްގަމު ދަތުރުފަތުރުގެ ގާނޫނަކީ ވެސް ތަންފީޒު ކުރަން ޖެހޭ ގާނޫނަކަށް ވާއިރު، އެ ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅު ވަކި ގަވާއިދަކުން އާންމު ކުރެވިފައި ވާނެ ކަމަށެވެ.
ނަހްލާ ވިދާޅުވީ މާލޭގައި ދުއްވާ އުޅަނދުތައް ޕާކުކުރުމަށް ކުރީ ސަރުކާރުން ހަދާފައިވާ މެކޭނިކަލް ޕާކިން ސިސްޓަމްތަކުން އެއްވެސް ފައިދާއެއް ނުކުރާ ކަމަށެވެ. އެއީ ގެއްލިގެންދިޔަ ފައިސާތަކެއް ކަމަށާއި މިހާރު އެ ސިސްޓަމްތައް ހުރީ ބާ ދަގަނޑަށްވެފައި ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިއަދުގެ ސަރުކާރުން ބޮޑެތި ޚަރަދުތަކެއް ކޮށްގެން އެތަކެތި ނަގަންޖެހިފައިވާ ކަމަށާއި ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުން ލަސްވެގެން އުޅެނީ މިފަދަ ސަބަބުތަކާ ހެދި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގެ ބައެއް ގޭގޭގެ ގަރާޖަށް 1400 އެއްހާ ކާރު ރަޖިސްޓްރީ ކޮށްފައިވީ ނަމަވެސް އެފަދަ ކާރުތައް ޕާކުކޮށްފައި ހުންނަނީ މަގުމަތީގައި ކަމަށްވާތީ ޕާކިންގެ މައްސަލައަށް ހައްލެއް އަންނާނެތޯއޭ ވިދާޅުވެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ކުރެއްވި ސުވާލަށް ދެއްވަމުން މިނިސްޓަރު ވިދާޅުވީ ފާއިތުވެގެންދިޔަ ދުވަސްތަކުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރެއިން ގަވާއިދާ ޚިލާފަށް ކުރެވިފައިހުރި ކަންތައްތައް ވަރަށް ގިނަ ކަމަށެވެ.