English Edition
Dhivehi Edition

އައްޑޫސިޓީގެ ހިތަދޫ ގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހުޅުއްވަވާފައިވާ އޮފީހަކީ ސިޔާސީ މަސައްކަތް ކުރައްވަވަން ހުޅުއްވެވި އޮފީހެއް ނޫން ކަމަށާއި އެއީ ތިމާވެއްޓާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށްޓަކައި، ހުޅުއްވެވި ތަނެއް ކަަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ހިތަދޫ ބޮޑުމަގުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ނަޝީދު ހުޅުއްވެވި އޮފީހުން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ދެކެވޭ ވާހަކަ ތަކާ ގުޅިގެން “އޭއޯ ނިއުސް” އަށް ދެއްވެވި ޚާއްޞަ ބަސްދީތަގުމެއްގައި ރައީސް ނަޝީދު ވިދާޅުވީ އެތަނަކީ ސިޔާސީ މަސައްކަތް ކުރާނެ ތަނެއް ނޫންކަމަށެވެ.

“އަޅުގަނޑު ސިޔާސީ މަސައްކަތް ކުރުމަށް ހުންނާނީ އެންމެ އޮފީހެއް. އެއީ އެމްޑީޕީ އޮފީސް. އިތުރު އޮފީހެއް ނުހުންނާނެ” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެތަނުގައި ކުރައްވަވާނީ އެމަނިކުފާނުގެ “ކޮރަލް އިންސްޓިޓިއުޓް” ގެ މަސައްކަތް ކަމަށެވެ. މި ނަމުގައި މިހާރު އިންސްޓްޓިއުޝަނެއް ރަޖީސްޓްރީކުރައްވަވާފައިވާއިރު ވަރަށް އަވަހަށް އެތަނަށް މުވައްޒަފަކުވެސް ނަންގަވާނެ ކަމަށާއި އަދި އެތަން ބޭނުންކުރާނީ ކްލައިމެޓް ޗޭންޖް މަސައްކަތަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި އޮފީސް ގާއިމް ކޮށްފައި ވަނީ،ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެމްބަރު ހިޔަލީ މުހައްމަދު ރަޝީދުގެ ގޭގަ އެވެ.

“އޮފީސް ހުރި ލޮކޭޝަން މިކަހަލަ މަސައްކަތަކަށް ކަމަކު ނުދޭ. މިހާރު ހުރީ ޝޯރޫމެއް ގޮތަށް މައި މަގެއްގައި. ބޭނުންވާ މަސައްކަތް ކުރުމަށް ބޭނުންވަނީ ތަންކޮޅެއް ހަމަހިމޭން ސަރަހައްދެއްގައި ހުރި ތަނެއް. އެހެން ތަނަކަށް އޮފީސް ބަދަލު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް” ނަޝީދު ވިދާޅުވިއެވެ.

“ރައީސް މުޙައްމަދު ނަޝީދުގެ އޮފީސް” މި ނަމުގައި ހިތަދޫގައި ހުޅުވި އޮފީހުގެ މައިގަނޑު މަސައްކަތަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީ ކުރާނެ ގޮތް ހޯދުމެވެ. އަދި އެ އޮފީހުގެ އަމާޒަކީ “އިންޑިއާގެ ކަނޑުގެ މެދުގައި އެ މަސައްކަތް ހިންގުން” ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ޑީސަލުން ކަރަންޓު އުފެއްދުމަށް ވުރެ، އަވީގެ ހަކަތައިން ކަރަންޓު އުފެއްދުން މާ އަގު ހެވެ. އަދި މި ބާވަތުގެ ހަކަތައިން އިންޖީނުތައް ހިންގައި ކަރަންޓުގެ ހަރަދު މާބޮޑަށް ކުޑަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ އުމްރާނީ މަސައްކަތްތައް ހިންގުމުގައި މިހާރު ގެންގުޅޭ ޓެކްނޮލަޖީ ބާތިލް ވެފައިވާ ކަމަށެވެ. އެހެންވެ، އަމާޒަކީ ރަށްތައް ހިމާޔަތް ކުރަން އެހެން ޓެކްނޮލަޖީއެއް ބޭނުން ކުރުމަށް ކަމަށް ވިދާޅުވި އެވެ. އަދި ޓެކްނޮލަޖީ ހޯދަން ޖެހޭ ކަން ވެސް ނަޝީދު ފާހަގަ ކުރެއްވި އެވެ.

“ދުނިޔެއަށް ގެއްލުން ކުޑަކޮށް، ތަރައްގީ ކުރެވޭނެ އިލްމެއް އަޅުގަނޑުމެންނަށް ހޯދައިދެވޭނެ. މިއަދު އެ ޓެކްނޮލަޖީ ދުނިޔޭގައި އެބަވޭ. އަޅުގަނޑުމެން މި އޮފީހުގައި ކުރާނީ އެ މަސައްކަތް،” ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ފާހަގަކުރެއްވެނީ ތިމާވެއްޓަ ގުޅުން ހުރި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވަވާ އަދި ކްލައިމެޓް ޗޭންޖުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާ ނުރައްކާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވަވާ އަދި އެކަމަށް މަސައްކަތް ކުރައްވަވާ ބޭފުޅެއްގެ ގޮތުގައެވެ.