English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލުން، މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ) ގެ ހިއްސާ ގަތުމަށް ރައްޔިތުންގެ ޓްރަސްޓު ފަންޑުން 700،000 ރުފިޔާ ހަރަދު ކުރައްވައިފިއެވެ.

އެމް.އައި.ބީ އިން އާންމުންނަށް ހިއްސާ ވިއްކުމާ ބެހޭ މަޢުލޫމާތު އައްޑޫގެ ސްޓޭކް ހޯލްޑަރުންނާއި އެކު ހިއްސާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ހިއްސާ ބައްލަވައިގަތީ އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ)އެވެ. ކައުންސިލުން ގަނެފައިވަނީ އެމްއައިބީން ވިއްކަން ކަނޑައެޅި 31 ޕަސެންޓް ހިއްސާގެ ތެރެއިން 20،000 ހިއްސާ އެވެ. އެއީ ހިއްސާއެއް 35 ރުފިޔާގެ ރޭޓުންނެވެ.

އީކުއޭޓަރ ވިލެޖްގައި މިއަދު އައްޑޫގެ ސްޓޭކްހޯލްޑަރުންނާއިއެކު އެމް.އައި.ބީ އިން ބޭއްވި މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤެވެ. ބައްދަލުވުމުގައިއެމް. އައި.ބީ އިން އާންމުންނަށް ހިއްސާ ވިއްކުމާ ބެހޭގޮތުން މައުލޫމާތު ދެއްވީ އެމް.އައި.ބީގެ ސީއޯއޯ އަހުމަދު ރިޒާއެވެ.

މައުލޫމާތު ދެއްވަމުން ރިޒާ ވިދާޅުވީ ހިއްސާއެއްގެ އަގަކީ 35 ރުފިޔާ ކަމަށެވެ. ނަމަވެސް ހިއްސާ ވިއްކަނީ މަދުވެގެން 20ހިއްސާ ނުވަތަ 700 ރުފިޔާގެ ހިއްސާ ބައްލަވައިގަންނަވާ ފަރާތްތަކަށް ކަމަށާއި ވިއްކަން ކަނޑައަޅާފައިވާ ހިއްސާ ހުސްވަންދެން ކޮންމެ މީހަކަށް ހިއްސާ ބައްލަވައިގަތުމުގެ ފުރުޞަތު އޮންނާނެކަމަށެވެ. 20 ހިއްސާއަށް ވުރެ އިތުރަށް ހިއްސާ ބައްލަވައިގަންނަވާ ނަމަ ފަހަރަކު އިތުރު ކުރެވޭނީ 10 ހިއްސާގެ މަގުންކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ރިޒާ އިތުރަށް ވިދާޅުވީ އެމް.އައި.ބީ އިން ހިއްސާ ގަންނަންވީ އެމް.އައ.ބީ އަކީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ބޭންކަކަށް ވެފައި ފާއިތުވި 8 އަހަރުގެ ބޭންކުގެ ޕާރފޯރމަންސަށް ބައްލަވާފައި ކަމަށެވެ. އަދި އެއީ މުސްތަގުބަލުގައި ކުރިއަރައި އަގު އިތުރުވުމުގެ ފުރުސަތު ބޮޑު އިންވެސްޓްމަންޓަކަށް ވާނެތީ ކަމަށެވެ.

އިސްލާމިކް ބޭންކުން ކަނޑައަޅާފައި ވަނީ އެ ބޭންކުގެ %31 ހިއްސާ(6،975،000 ހިއްސާ) ވިއްކުމަށެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ 28 އިން ސެޕްޓެމްބަރު 31 ގެ ނިޔަލަށް ހިއްސާ ވިއްކުމަށް ވަނީ ނިންމާފައެެވެ.

މި އަދުގެ ބައްދަލުވުމުގައި ވަނީ އެމްބީއައި ގެ ފަރާތުން ހަދާ އާ އޭޓީއެމް ގެ މަސައްކަތުގެ ކޮންޓްރެކްޓް އިދުރީސް ޓްރޭޑިން އާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އީކުއޭޓަރ ވިލެޖްގެ ބްލޫލެގޫން ގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ޝަންގްރިއްލާސް ވިލިނގިލި، އައްޑޫސިޓީ ކައުންސިލް، އިދްރީސް ޓްރޭޑިން، އެމް،އެން،ޔޫ ހިތަދޫ ކެމްޕަހާއި އަދިވެސް އިތުރު އައްޑޫގެ ސްޓޭކްހޯލްޑަރުން ބައިވެރިވިއެވެ.