މިނިވަން ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗު ފަސޭހަކަމާއެކު ޒެލޯން އެފްސީ އިން ކާމިޔާބުކޮށްފިއެވެ.
ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅުނުމި މުބާރާތުގެ 07 ވަނަ މެޗުގައި ޕޮލިސް ޓީމާއި ޒެލޯން އެފްސީ ބައްދަލުކުރި މެޗު އެ ޓީމުން ކާމިޔާބުކުރީ 6 ލަނޑު 3 ލަނޑުންނެވެ.މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް މާ މޮޅު ކުޅުމެއް ފެނިގެން ގޮސްފައި ނުވާއިރު މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ ފަސްވަނަ މިނިޓްގައި ޕޮލިސް ޓީމުންނެވެ. އެ ޓީމްގެ އާދަމް ޒާހިރު ގެ ލަނޑާއެކު މެޗުގެ އަށްވަނަ މިނިޓްގައި ޒެލޯންގެ އަޒްމީލް ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗުގެ ފުރަތަމަ ހާފްގައި ޒެލޯންގެ މުހައްމަދު އަޒަންގެ ދެ ގޯލާއެކު އެ ހާފް ނިމިގެން ދިޔައީ ޒެލޯން ލީޑްގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފްގައި ލިބުނު ހިލޭ ޖެހުމަކުން ޒެލޯންގެ އިބްރާހިމް އަލްޒަމް އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދިން އިރު އެ ޓީމުންވަނީ މެޗުގެ ލީޑް ފުޅާކޮށް ހަމަޖެހިލާފައެވެ. މި މެޗުގެ ފަހު ހާފްގައި ޒެލޯންގެ އަޒަން އެ ޓީމަށް އިތުރު ދެ ލަނޑު ކާމިޔާބުކޮށްދިން އިރު ޕޮލިސް ޓީމުން ޖެހި ދެވަނަ ލަނޑަކީ އެ ޓީމަށް ލިބުނު ޕެނެލްޓީ ގޯލަށް އަމާޒުކޮށް އަހްމަދު މުއާޒް ކާމިޔާބުކޮށް ދިން ގޯލެކެވެ. މެޗުގައި ޕޮލިހަށް ކާމިޔާބުކުރެވުނު ތިން ވަނަ ލަނޑަކީ މެޗު ނިމެން ގާތް ވެފައިވަނިކޮށް އެ ޓީމްގެ އަބްދުﷲ ޖުމާން ކާމިޔާބުކޮށް ދިން ލަނޑެކެވެ.
މިއަދުގެ ބައްޔާއެކު ޕޮލިހުންވަނީ މި މުބާރާތުގައި އެ ޓީމުން ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާއިރު ދެން އެ ޓީމު ބައްދަލުކުރާނީ އެމްއެންޑީއެފް އާއެވެ. . ޒެލޯން ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ބަލިވެ އެއް މެޗުން މޮޅު ވެފައިވާއިރު ދެން އެ ޓީމް ބައްދަލުކުރާނީ ރިސޯޓް ބޯއިސް އާއެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒެލޯން އަށް ހަތަރު ލަނޑު ކާމިޔާބުކޮށްދިން އަޒަން އެވެ.