މިނިވަން ކަޕްގައި މިރޭ ކުޅުނު ދެ ވަނަ މެޗުގައި ގައުމު އެފްސީ އާއި ތައްލިހި އެފްސީ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
މިރޭ ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފޯރިގަދަ މި މެޗު ނިމުނީ 2 ލަނޑުގެ ނަތީޖާއިން ދެ ޓީމު އެއްވަރު ވެގެންނެވެ. މިރޭގެ މެޗުގައި ދެ ޓީމުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު ދެ ޓީމުންވެސްވަނީ ވަރުގަދަ ގިނަ ހަމަލާތައް އުފައްދާފައެެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ހަތަރުވަނަ މިނިޓްގައި ގައުމު އެފްސީގެ ހަސަން ސަމަދު ކާމިޔާބުކޮށްދިން އިރު މެޗުގެ ބާރަވަނަ މިނިޓްގައި ތައްލިހި އެފްސީގެ ލިރުއާމް(ލިރު) ޖެހި ގޯލާއެކު ފުރަތަމަ ހާފް ނިމިގެން ދިޔައީ އެކެއް އެކެއްގެ ނަތީޖާއިން ނެވެ.
މެޗުގެ ދެވަނަ ހާފްގައި ގައުމު އެފްސީ އިން ތައްލިހި އެފްސީގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާއިރު އެ ޓިމްގެ ކީޕަރުވަނީ ކުޅަދާނަކަމާއެކު އެ ހަމަލާތައް ދިފާއުކޮށްފައެވެ. މެޗުގެ ހަތާވީސްވަނަ މިނިޓްގައި ތައްލިހި އެފްސީގެ ލިރުއާމް ޖެހި ގޯލާއެކު މެޗުގެ ފޯރިވަނީ އިތުރަށް ގަދަވެގެން ގޮސްފައެވެ. މި ގޮތުން ގައުމު އެފްސީގެ ޑިފެންސް ފޫ އަޅުވާލުމަށްފަހު ލީޑް ފުޅާކުރުމަށް ތައްލިހިންވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ގައުމު އެފްސީ އިންވެސް އިތުރު ލަނޑެއް ކާމިޔާބުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު މެޗުގެ ތިރީސްހަވަނަ މިނިޓްގައި އެ ޓިމްގެ 07 ނަންބަރު ހަސަން ސަމަދު ޖަހައިދިން ލަނޑާއެކު ދެ ޓިމު ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްލާފައެވެ. މެޗުގެ އެންމެ ފަހު ފަސް މިނިޓްގައިވެސް ދެ ޓީމުން ލީޑު ނެގުމަށް މަސައްކަތްކޮށްފައިވާއިރު މެޗު ނިމިގެން ދިޔައީ ދެ ޓީމުން ކުރެ ޓީމަކަށްވެސް އިތުރު ލަނޑެއް ކާމިޔާބުކުރާނެ ފުރުސަތެއް ނުލިބިއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިގެންދިޔައީ މުޅި މެޗުގައިވެސް ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ދެއްކި ގައުމު އެފްސީގެ ހަސަން ސަމަދު އެވެ.
މަދާމާވެސް މި މުބާރާތުގެ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޒެލޯން އާއި ޕޮލިސް އެވެ. މާދަމާ ރޭ ކުޅޭ ފުރަތަމަ މެޗުގައި މަލްޓި ޖީނިއަސް އާއި ރިސޯޓް ބޮއިސް ބައްދަލުކުރާއިރު މާދަމާރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކެނެރީފް އާއި ވައިކިންގްސްއެވެ.