މިނިވަން ކަޕް 2019 ގައި ކުޅުނު ފުރަތަމަ މެޗުގައި ޕޮލިސް ޓީމް ބަލިކޮށް މަލްޓި ޖީނިއަސް ސިޓީއިން މުބާރާތުގެ ފެށުން ރަގަޅުކޮށްފިއެވެ.
މިއަދު ހަވީރު ހުޅުދޫ ފުޓްސަލް ދަނޑުގައި ފެށިގެން ދިޔަ މި މުބާރާތުގެ ފުރަތަމަ މެޗު މަލްޓި ޖީނިއަސް އިން ކާމިޔާބުކުރީ 7 ލަނޑު 5 ލަނޑުންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ވަރުގަދަ މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ފަސް މިނިޓް މަލްޓި ޖީނިއަސްއިން ވަނީ ދެ ލަނޑުޖަހާފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު ހަސަން ލައުހު ކާމިޔާބުކޮށްދިން އިރު ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އީމާން ނަސީރު އެވެ. މި ލަނޑާއެކު މެޗުގެ ފޯރި ގަދަވެފައިވާއިރު މެޗުގެ ފަނަރަ ވަނަ މިނިޓްގައި އަމީން އިބްރާހިމްގެ ލަނޑާއެކު މަލްޓި ޖީނިއަސް އިންވަނީ ހަމަޖެހިލާފައެވެ.
މެޗުގެ 17 ވަނަ މިނިޓްގައި ޕޮލިސް ޓީމްގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާދަމް ޒާހިރުއެވެ. މެޗުގެ ފުރަތަމަ ހާފް ނިމެން ގާތް ވެފައިވަނިކޮށް މަލްޓި ޖީނިއަސްގެ އަމީން ވަނީ އިތުރު ލަނޑަށް ޖަހާ އެ ޓީމަށް ލީޑް ފުޅާ ކޮށްދީފައެވެ.
މެޗުގެ ދެވަނަ ހާފްގައި މަލްޓި ޖީނިއަސްގެ ލައުހް ކާމިޔާބުކޮށް ދިން ގޯލާއެކު ޕޮލިސް ޓީމްގެ ކުޅުންވަނީ ވަރުގަދަކޮށްފައެވެ. މި ގޮތުންއެ ޓީމުން ވަނީ ވަރަށް ކައިރި ކައިރީގައި ލަނޑުތައް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ޕޮލިސް ޓީމްގެ ދެވަނަ ލަނޑު އާދަމް ޒާހިރު ކާމިޔާބުކޮށްދިން އިރު އަހްމަދު މުއާޒުވަނީ އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ، މެޗުގެ ނަތީޖާ އެއްވަރުވި ގޯލަކީ މެދު ރޮނގާ ހަމައިން އެ ޓީމުގެ ހުސެއިން ރަފީއު ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވެ ކާމިޔާބުކުރެވުނު ލަނޑެކެވެ.
މެޗުގެ ނަތީޖާ އެއްވަރުވުމުން ދެ ޓީމުންވެސް ލީޑު ނެގުމަށް ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު މަލްޓި ޖީނިއަސްގެ އަމީން ޖެހި ގޯލާއެކު އެ ޓީމުންވަނީ ލީޑް ފުޅާކޮށްލިއެވެ. މެޗުގެ އެންމެ ފަހު ވަގުތު އީމާން ޖެހި ގޯލާއެކު މި މެޗު ނިމިގެން ދިޔައީ 7 ލަނޑު 5 ލަނޑުން މަލްޓި ޖީނިއަސް މޮޅުވެގެންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އީމާން އެވެ.
މިރޭވެސް މި މުބާރާތުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ.