ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޒެލޯން އެފްސީ އަށް ކާމިޔާބުކޮށްދިނީ ހަސަން ލައުހް އެވެ. ޒެލޯންގެ ލަނޑާއެކު އުސްގަނޑުން މެޗުގެ ނަތީޖާ ހަމަހަމަކޮށްލުމަށް ގިނަ މަސައްކަތްތަކެއްވަނީ ކޮށްފައެވެ. މި ގޮތުން ހުސެއިން ޝަރީފް(އޮންލީ) ޖެހި ގޯލާއެކު އުސްގަނޑުންވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްލާފައެވެ.
ދެ ޓީމުންވެސް މެޗުގައި ލީޑް ނެގުމަށް ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު އުސްގަނޑުންޖެހި ދެވަނަ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަޔާޒް އަހުމަދު (އަޔާ)އެވެ. ހަސަން ރާއިފް (ހަންނަ) އާއި އޮންލީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ތިންވަނަ ލަނޑަކީ ގޯލަށް އަމާޒުކޮށް އޮންލީ ފޮނުވާލި ބޯޅަ ކީޕަރު ދީފާއުކުރުމާއެކު، ރީ ބައުންސް ބޯޅަ ގޯލަށް އަމާޒުކޮށް ހަންނަ ކާމިޔާބުކޮށްދިން ލަނޑެކެވެ. މެޗުގެ ތިންވަނަ ލަނޑާއެކު އުސްގަނޑުން ހަމަޖެހިލާފައިވާއިރު ޒެލޯންއިންވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ގިނަ މަސައްކަތްކޮށްފައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހުށަހަޅާފައެވެ.