އައްޑޫސިޓީ ކައުންސިލުގެ އުމްރާ ދަތުރު މިފަހަރު ޚަދީޖާ އާއި ނިއުމާއަށް
3 މަސް ކުރިން
އަޙްމަދު

އައްޑޫސިޓީ ކައުންސިލްގެ ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބުން ހޮވާ އުމްރާ ދަތުރުގެ ނަސީބުވެރި ދެ ފަރާތަކަށް ޚަދީޖާ މޫސާ އަދި ނިއުމާ ހަސަން ހޮވައިފިއެވެ.

މިއަހަރު ޑިސެމްބަރު މަހުގެ އުމްރާ އަށް މި ދެފަރާތް ހޮވާފައިވަނީ އައްޑޫސިޓީ ކައުންސިލްގެ ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން ކްލަބުގެ މެމްބަރުންގެ މެދުގައި ނެގުނު ގުރުއަތުން ނެވެ.

Advt

Advertisement

އަސްކޮއި ޙައްޖު ޢުމްރާ ގްރޫޕާއި ރެކްރިއޭޝަން ކްލަބް ގުޅިގެން މިއަހަރު ދޭ ޢުމްރާ ދަތުރުގެ ނަސީބުވެރި ފަރާތް ހޮވުމަށް އިއްޔެ  ކައުންސިލްގެ އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި މެމްބަރުންގެ މެދުގައި ގުރުއަތު ނަންގަވައިދެއްވީ މިދިޔަ އަހަރުގެ އުމްރާ ދަތުރުގެ ނަސީބުވެރި ފަރާތް ކަމަށްވާ މުޙައްމަދު އިބްރާހީމްއެވެ.

މިއަހަރުގެ އުމްރާ ދަތުރު ލިބިލައްވާ ފަރާތްތައް ހޮވާފައިވަނީ މިދިޔަ ދެ އަހަރުގެ ނަސީބުވެރި ދެ ފަރާތް ނުހިމަނައި ކްލަބުގެ 144 މެމްބަރުންގެ މެދުގައެވެ. މިދިޔަ އަހަރުތަކާ ޚިލާފަށް މިއަހަރު ކްލަބުން އުމްރާ ދަތުރު ދިނީ ދެފަރާތަކަށެވެ.

އައްޑޫސިޓީ ކައުންސިލް ވެލްފެއާ އެންޑް ރެކްރިއޭޝަން ކްލަބަކީ މުވައްޒަފުންނަށް އެކިކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ އިތުރުން، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤުސަދުގައި މިދިޔައަހަރުގެ ޖޫންމަހު ރަޖިސްޓްރީ ކުރެވިގެން ހިންގަމުންދާ ކްލަބެކެވެ. މުވައްޒަފުންގެ ކުރިއެރުމާއި އެކުވެރިކަން އާލާކުރުމަށް ގިނަކަންކަން ކްލަބުގެ ފަރާތުން ރާވަމުންދާއިރު، ކޮންމެ އަހަރަކުވެސް މަދުވެގެން އެއް މުވައްޒަފަކަށް އުމްރާ ދަތުރު ދިނުމަށް ކްލަބުގެ ހިންގާ ކޮމިޓީންވަނީ ނިންމާފައެވެ.