English Edition
Dhivehi Edition

އިންޑިއާ ފިރިހެނެއްގެ ބަނޑުން 20 ކިލޯގެ ޓިޔުމަރެއް ނަގައިފިއެވެ. ބައެއް ނޫސްތަކުން ބުނެފައިވަނީ، އުމުރުން 49 އަހަރުގެ ޝިޔާމަލް ތިރްކޭގެ ބަނޑު ބޮޑުވެ ރިއްސަން ފެށުމުން އޭނާގެ އާއިލާއިން ހީކޮށްގެންތިބީ އެއީ ޖިންނީންގެ ކަމެއްކަމަށެވެ. އެހެންކަމުން އެކަމަށް ފަރުވާ ހޯދަން އޭނާ ގެންދިޔައީ ފަންޑިތަ ހަދާމީހެއްގެ ގާތަށެވެ. އެހެން ނަމަވެސް ހެދި އެއްވެސް ފަންޑިތައަކުން އޭނާއަށް ލުޔެއް ލިބޭ ގޮތެއް ނުވިއެވެ. އޭގެ ބަދަލުގައި ބަނޑު އިތުރަށްވީ ބޮޑެވެ. އެހެން ކަމުން އާއިލާއިން ނިންމީ އެއީ ޖިންނީންގެ އުނދަގޫ ބޮޑުވާން ފެށީ ކަމަށެވެ. އެހިސާބުން އާއިލާމީހުން އޭނާ ބެހެއްޓީ ކޮޓަރިއަކަށްލައި ބަންދު ކޮށްފައެވެ. ނޫސްތަކުން ބުނެފައިވަނީ ކޮންމެސް ގޮތަކުން ތިރްކޭ އެކޮޓަރިން ނުކުމެ އަވަށްޓެރިންގެ އެހީގައި ޑޮކްޓަރަށް ދިޔަ ކަމަށެވެ. ޓެސްޓްތައް ހެދުމުން އެނގުނީ ބަނޑުގައި ޓިއުމަރެއް އުފެދިފައިވާ ކަމެވެ. އެއީ ކެންސަރަށް ވާރުތަވާ، ވަރަށް ނުރައްކާތެރި ވައްތަރެއްގެ ޓިއުމަރެއް ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. އެހެންކަމުން ވީހާވެސް އަވަހަށް އޮޕަރޭޝަން ކޮށްގެން އެ ނެގުމަށް ޑޮކްޓަރުން ނިންމި ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ. ތިރްކޭގެ ބަނޑުގައި އުފެދުނީ ބީޗް ބޯލް ސައިޒުގެ ޓިއުމަރެކެވެ. އެ ނަގައިފައިވަނީ، އިންޑިޔާގެ ކަލްކަތާގައި ހުންނަ ސެތު ޝުކުލާ ކަރުނާނީ މެމޯރިއަލް ހޮސްޕިޓަލުންނެވެ. ޓިއުމަރު ނެގުމަށް ތިންގަޑިއެއްހާއިރުގެ އޮޕަރޭޝަނެއް ކުރިއެވެ. ތިން ޑޮކްޓަރުން ހިމެނޭ ޓީމަކުން ކުރި އެ އޮޕަރޭޝަނާބެހޭގޮތުން ވާހަކަ ޑޮކްޓަރުން ބުނެފައިވަނީ ޓިއުމަރުގައި ކެންސަރުގެ އަސަރު ވަރަށްބޮޑަށް ހުރި ކަމަށާއި، އޮޕަރޭޝަނަށްފަހު ތިރްކޭގެ ހާލު ރަނގަޅު ކަމަށެވެ. އޭނާ ވަރަށް އަވަހަށް ރަނގަޅުވާނެ ކަމުގެ އުންމީދުވެސް ވަރަށްބޮޑު ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވެއެވެ.