English Edition
Dhivehi Edition

ސ.ހިތަދޫ ޗަމްޕާޕޫލުމާގޭ ހަސަން ސައީދަކީ އައްޑޫސިޓީ އަށް އުފަން ހުނަރުވެރި ދަރިއެކެވެ. ތާރީޚް ދިރާސާކުރައްވާ ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ މޮޅު ލިޔުންތެރިއެކެވެ. އައްޑޫގެ ތާރީޚާ އަދި ރާއްޖޭގެ ތާރީޚާބެހޭގޮތުން ގިނަ ދިރާސާތަކެއްކޮށް، ތާރީޚީ ގިނަ މައުލޫމާތު އެއްކުރައްވާފައިވާ ތާރީޚީ އިލްމު ވެރިއެކެވެ. ދިވެހި ބަހުގެ އެކިއެކި ދާއިރާތަކަށް ލިޔުންތައް ލިޔުއްވާ، ނޫސް މަޖައްލާތަކުގައި ޝާއިއު ކުރައްވާ އެލިޔުންތައް މުޖުތަމައަށް ފޯރުކޮށްދެއްވުމުގެ އަގުހުރި މަސައްކަތްކޮށްދެއްވާފައިވާ ގާބިލް ބޭފުޅެކެވެ.
ލިޔުންތެރިކަމުގެ ރޮނގުން ބަލާލާއިރު ޙަސަން ސައީދުވަނީ
1979 ވަނަ އަހަރުން ފެށިގެން ދިވެހިބަހުގެ މީމުން ފެށިގެން ނިޔަލަށް ބަސް އެއްކުރުމުގެ މަސައްކަތްކޮށް ވަނަ ހޯއްދަވާފައެވެ. ހަމައެއާއެކު
27 މާރޗް 1982 ގައި ދިވެހިބަހަށް ޚިދްމަތް ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމާއި ސަނަދު ،ހަސަން ސައީދަށް ލިބިލައްވާފައިވެއެވެ.
އަދި ދިވެހިބަސް ހޯދުމުގެ ގޮތުން ސަރުކާރުން ފޮނުއްވަވައިގެން ލ. އަތޮޅަށާއި، ހުވަދު އަތޮޅަށް 1985 ގައި ދަތުރުކޮށް 11 ރަށެއްގައި ހަސަން ސައީދުވަނީ އެމަސައްކަތް ކުރައްވާފައެވެ.
ތާރީޚާއި ދިވެހި ބަހަށް ހަސަންސައީދު ކޮށްދެއްވި ޚިދުމަތްތަކުގެ ތެރޭގައި
ކޮލޮމްބޯ ޔުނިވަރސިޓީގެ ޓީމަކާއިއެކު މާލެއިން ފެށިގެން ރަށްރަށުގައި ޖައްސަމުން ތުރާކުނަށް ކުރި ދަތުރެއްގައި ބައިވެރިވެލައްވާ އެދަތުރުގައި ޕްރޮފެސަރް ޖޭ.ބީ. ޑިސަނާޔަކް އާއިއެކު ދިވެހިބަހާއި ސިންގަޅަ ބާހާއި ހުރި ގާތްކަން ހޯދުމަށް މަސައްކަތް ކުރައްވާފައިވެއެވެ. އަދި ހަމަ އެހެންމެ ޕްރޮފެސަރ ވިޖޭ ވަރްދަނާ އާއި އެކު ތާރީޚާއި ބެހޭ ކަންތައްތައް ހޯދުމަށްވެސް ހަސަން ސައީދުވަނީ މަސައްކަތް ކުރައްވާފައެވެ. ހަމަ މިއާއެކު
02 ނޮވެމްބަރް 1995 ގައި މާލޭގައި ބޭއްވުނު ދިވެހިބަސް ދިވެހިކުރުމުގެ މަޝްވަރާ ބައްދަލުވުމުގައި ރާއްޖެތެރެ ތަމްޘީލު ކުރި މެމްބަރެއްގެ ގޮތުގައިވެސް ހަސަން ސައީދުވަނީ ބައިވެރިވެލައްވާފައެވެ.
ތާރީޚް ދިރާސާކުރެއްވުމުގެ އިތުރުން ވާހަކަ އަދި މަޒުމޫނު ފަދަ ލިޔުއްވުންތައް، ރާއްޖޭގައި ނެރޭ އެކިއެކި މަޖައްލާތަކުގައި ޝާއިއު ކޮށް އާންމުންގެ މެދުގައި މޮޅު ލިޔުންތެރިއެއްގެ ގޮތުގައި ހަސަންސައީދުވަނީ މަޝްހޫރުވެލައްވާފައެވެ.
މީގެ ތެރެއިން ހަސަން ސައީދުގެ ލިޔުންތައް މޫންލައިޓް ނޫހާއި އާބާރު މަޖައްލާ، ހަވީރުނޫސް، އާފަތިސް ނޫހުގެ އިތުރުން ފައްތޫރަ މަޖައްލާ އަދި ދަރުމަ މަޖައްލާގައި ޝާއިއުކޮށް މުޖުތަމައަށް އަގުހުރި ގިނަ މައުލޫމާތުތަކެއް ވަނީ ފޯރުކޮށްދެއްވާފައެވެ.
ހަސަން ސައީދު މިހާރު ލިޔެ އުޅުއްވަނީ ހަމައެކަނި ފައްތޫރަ މަޖައްލާއަށެވެ.
ހަސަންސައީދު ވިދާޅުވިގޮތުގައި ލިޔުންތެރިކަމުގެ ދާއިރާގައި ކުރެއްވި މަސައްކަތްތަކާއި ގުޅިގެން ލިބިލައްވާފައިވާ ހުރިހާ ލިއުމެއްވަނީ 2004 ގައި އެރި ސުނާމީގައި ނެތިގޮސްފައެވެ. ސުނާމީ ހާދިސާ ދިމާވި އިރު ހަސަން ސައީދު އުޅުއްވީ ރިސޯޓެއްގައެވެ. އަދި ސުނާމީގައި ގިނަ ގެއްލުންތަކެއް ރަށަށް ލިބިގެން ދިޔައިރު ހަސަންސައީދުގެ އަގުހުރި ގިނަ ލިޔުންތަކެއް ރާޅާއެކުވަނީ އޮޔާގޮސް ނެތި ގެއްލިފައެވެ.

މިބޭފުޅާއަކީ މުޖުތަމައު ގަބޫލުކުރާ ފެންވަރުގެ މޮޅު ލިޔުންތެރިއެއްކަމަށް ގަބޫލު ކުރައްވާނަމަ އައްޑޫސިޓީގެ ލިޔުންތެރިޔާގެ އެވޯޑްގެ ވޯޓް ދިނުމަށް ހަދާފައިވާ ޕޯލްގައި ޙަސަން ސައީދަށް ވޯޓް ދެއްވަވާ!
“އިލްޝާ އައްޑޫސިޓީ ލިޔުންތެރިޔާގެ އެވޯޑް ސްޕޮންސަރ ކޮށްފައިވަނީ ހެއަރކެއަރ އިން. އަދި ކޯ ސްޕޮންސަރ އަކީ އައިލޭންޑް އޭވިއޭޝަން

_މި އެވޯޑަށް ނޮމިނޭޓް ވެފައިވާ ހުރިހާ ބޭފުޅުންގެ ޕްރޮފައިލް ނޫހުގައި ޝާއިއު ކުރެވޭނެވާހަކަ ކިޔުންތެރިންގެ މައުލޫމާތަށް ޓަކައި ދަންނަވަން