ވަރިވުމުގެ މާނައަކީ އެކަކު އަނެކަކަށް ނަފްރަތުކުރުމެއް ނޫން:އަރްބާޒް
6 މަސް ކުރިން
އާމިނަތު ޚާލިސާ

މަލައިކާ އަރޯރާ އާއި އަރްބާޒް ހާންގެ ދުވަސްވީ ކައިވެނި ރޫޅުނުތާ މިހާރު ދެ އަހަރު ވެދާނެއެވެ. އެހެންނަމަވެސް މި ދެތަރިން އަބަދުވެސް ފެންނަމުންދަނީ ވަރަށް އެކުވެރިކޮށް ވާހަކަދައްކާ، ރަހްމަތްތެރިންގެ ގޮތުގައި އުޅެމުންދާ މަންޒަރެވެ. ދެމީހުންވެސް އާ ހަޔާތުގެ ބައިވެރިން ހޯދާފައިވާއިރު ، އަބަދުވެސް ހާއްސަ ދުވަސް ދުވަހު އެމީހުންގެ ދަރިފުޅާއެކު ވަގުތު ހޭދަކުރަން އިސްކަން ދެއެވެ. މި ދެމީހުންގެ ކައިވެންޏަށް ލިބުނު އަހާންއަށް މިހާރު 16 އަހަރުވެފައިވާއިރު އޭނާއަކީ މި ދެމީހުގެ އެކުވެރިކަމުގެ ސިއްރުކަމުގައި އަރްބާޒްވަނީ ބުނެފައެވެ.

Advt

އަބަދުވެސް މަލައިކާ އާއި އަރްބާޒް ހާއްސަ މުނާސަބުތަކުގައި އެކުގައި އުޅޭ ވާހަކައާއި، ދެމީހުންގެ އެކުވެރިކަމުގެ ވާހަކަތައް މީޑިއާގެ ފަލަ ސުރުޙީތަކުން ޖާގަ ހޯދާފައިވާއިރު އަރްބާޒް މިވަނީ އެ ވާހަކަތަކަށް ޖަވާބުދީފިއެވެ. ބޭރުގެ މީޑީއާއަކަށްދިން އިންޓަވިއުއެއްގައި އަރްބާޒް ބުނީ އެދެމީހުން ވަކިވި ކަމުގައިވިޔަސް އެކުގައި އެހާ ގިނަ ދުވަހު އުޅެފައިވާތީ އަދިވެސް އެކަކު އަނެކަކަށް އިހްތިރާމް ކުރާކަމަށެވެ. ” ދެމީހުން ވަކިވީ މާ ބޮޑު މައްސަލަތަކެއް ޖެހިގެނެއް ނޫން. އެކުގައި އުޅެވެން ނެތްކަން ޔަގީންވުމުން ވަކިވީ.ދެމީހުން ވަކިވުމުގެ މާނައަކީ އެކަކު އަނެކަކަށް ނަފްރަތުކުރުމެއް ނޫން. އަހަރެމެންނަކީ ވިސްނޭ ބޮޑެތި މީހުން. އަހަރެމެން އެކަކު އަނެކަކަށް އިހްތިރާމް ކުރަން”އަރްބާޒް ބުންޏެވެ. މީގެ އިތުރުން އަރްބާޒް ބުނީ އެއް ފުރާޅެއްގެ ދަށުގައި ނޫޅުނުކަމުގައި ވިޔަސް އޭނާއާއި މަލައިކާގެ އާއިލާ އާއިވެސް ގުޅުން އޮންނަކަމަށެވެ.

Advt

Advertisement

މީގެ އިތުރުން އަރްބާޒް ބުނީ އެ ދެމީހުންގެ ދަރިއެއް އެބަހުރި ކަމަށާއި އެންމެ އިސްކަމެއް ދެނީ ދަރިފުޅު އަހާންއަށް ކަމަށެވެ. އަދި އެ ދެމީހުންގެ ގުޅުން އެހާ ރަގަޅަށް ކުރިއަށް ދިއުމުގެ އެންމެ ބޮޑު ސިއްރަކީ އަހާންކަމަށެވެ. “އަހާން އަކީ ވަރަށް ބަސްއަހާ، ވިސްނޭ ކުއްޖެއް. އަހަރެމެން ވަކިވިޔަސް އަހާންއަށް އެކަމުން އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެކަން ޔަގީން”އަރްބާޒް ބުންޏެވެ.

އަރްބާޒް އާއި މަލައިކާ އާއި ދެމެދުގައި ޖެހޭ މައްސަލަތައް ހައްލު ނުކުރެވުމުގެ ސަބަބުން ދެމީހުންގެ 18 އަހަރުވީ ކައިވެނި ރޫޅާލަން ނިންމާފައިވާކަން ހާމަކޮށް ދެމީހުން ވަކިވެފައި ވަނީ 2016 ވަނަ އަހަރު މާޗް މަހު ގައެވެ.