English Edition
Dhivehi Edition

މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑުގަދަވެފައިވާތީ އާއި މޫސުމާ ބެހޭ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކޮށްފައިވާތީވެ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި މެވެ.

އެމްއެންޑީއެފް އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލު ބާރުމިނުގައި ވައި ގަދަވާނެކަމަށް ލަފާ ކުރާތީވެ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތައް، މޫސުމާ ބެހޭ އިދާރާއިން އޮޅުންފިލުވުމަށް ފަހު، ދަތުރުތައް ރޭއްވެވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރާ ކަމަމެވެ.

އެމްއެންޑީއެފްގެ ބަޔާނުގައި އިތުރަށް ވިދާޅުވީ ކަނޑުދަތުރު ކުރައްވާނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި، ދަތުރުކުރައްވާ އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް ދަންނަވާކަމަށެވެ. އަދި ރޭގަނޑު ދަތުރުތައް ކުރައްވާނަމަ އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި ވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ދުވަސްވަރު މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ ރިޕޯޓް އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން އިންޖީނު ހުއްޓިގެންނާއި، ދިޔަވެ ދިޔަގަނޑު ކޮންޓްރޯލް ނުވުމާއި، ޕަންޕު މައްސަލަ ޖެހިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބޭ ހާދިސާތައް ވަނީ އިތުރުވެފައެވެ. އެހެންކަމުން މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އިލްތިމާސްކުރަށްވާފައި ވެވެ.

އެ ބަޔާނުގައި އިތުރަށް ވިދާޅުވީ ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބައްލަވައިގެން ކުޅިވަރުތައް ރާވާ ހިންގެވުމަށާއި، ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާ ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވާފައި ވެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުން އެ އިދާރާއިން އެދެއެވެ.