ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިނާޔަތް ބޮޑުކުރުމަށް ހުށަހެޅުއްވި އިސްލާހް މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލް ބަލައިގަންނަ ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ ވޯޓުގައި ބައިވެރިވި 57 މެމްބަރުންގެ އަޣްލަބިއްޔަތުން ނެވެ. އެބިލް ބަލައިގަންނަން ފެންނަކަމަށް 12 މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ފަސް މެމްބަރުން ތިއްބެވި އެވެ.
ނާޒިމް ހުށަހެޅުއްވި ބިލްގައިވާ ގޮތުން ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަކީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭ ބައެކެވެ. އެހެން ކަމުން ހާއްސަ އެހީއަށް ބޭނުންވާ މީހުން ބެލެހެއްޓުމަށާއި އެ މީހުންނަށް ބޭނުންވާ އެހީތެރިކަން އެކަށޭނެ ގޮތެއްގައި ލިބިދެވޭނީ އެފަދަ މީހުންނަށް ލިބޭ މާލީ އިނާޔަތް އިތުރުވެގެން ކަމަށް ބިލްގައިވެ އެވެ.
އެބިލުގައި ހަތަރު އިސްލާހެއް ވާއިރު ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިހާރު ދެމުން އަންނަ މާލީ އިނާޔަތް ބޮޑު ކުރުމަށް އެއް އިސްލާހުގައިވެއެވެ. އެގޮތުން މިހާރު ދެމުން އަންނަ 2000 ރުފިޔާގެ އިނާޔަތުގެ ބަދަލުގައި 5000 ރުފިޔާ އާއި 7000 ރުފިޔާ އާއި ދެމެދުގެ އަދަދަކަށް އިނާޔަތް ބޮޑުކުރުމަށް ހުށަހަޅުއްވާފައި ވެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރެއިން، އެނދުމަތި ކުރެވިގެން ބަލަމުން އަންނަ މީހުންނަށް ދޭ އިނާޔަތް 9000 ރުފިޔާއަށް ބޮޑު ކުރުމަށް އިސްލާހު ހުށަހަޅުއްވާފައި ވާއިރު ބައެއް މެމްބަރުން ކުރެއްވި ބަހުސްގައި ވިދާޅުވީ އިނާޔަތުގެ އަދަދު 9000 ހަށް ބޮޑުކުރުމާއި ދެކޮޅު ނޫންކަމަށާއި އެހެން ނަމަވެސް 9000 އިންވެސް ނުކުޅެދުންތެރިކަން ހުންނަ މީހަކު ނުވަތަ ކުއްޖަކު ބަލިވުމުން ބެލެނިވެރިޔާ އާއެކު މާލެ ދިޔުމަށް ދެކޮޅު ޓިކެޓްގެ އިތުރުން އެހެނިހެން ހަރަދުތައް ނުކުރެވޭނެކަމަށެވެ.
އެބިލަށް ބަހުސް ކުރެއްވި އެއްވެސް މެމްބަރަކު ހާއްސަ އެހީއަށް ބޭނުންވާ ފަތާތްތަކަށް ދެވޭ މާލީ އެހީ ބޮޑު ކުރުމާ ދެކޮޅެއް ނުހައްދަވަ އެވެ. ހުރިހާމެމްބަރުން ވެސް ވިދާޅުވީ ހަމައެކަނި އިނާޔަތް ބޮޑު ކުރުމުން ހުރިހާކަމެއް ހައްލުވީ ނޫންކަމަށެވެ. އެހެން ކަމުން ބައެއް މެމްބަރުން ވިދާޅުވީ އެންމެ ރަނގަޅު ގޮޮތަކީ ހިލޭ ޕެނެޑޯލް ގުޅަ އާސަންދައިން ލިބޭފަދައިން ނުކުޅެދުން ތެރިކަން ހުންނަ މީހުންގެ ކަންކަން ވެސް ހިލޭކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމެވެ.