English Edition
Dhivehi Edition

މަސްތުވާ ތަކެއްޗާއެކު ހުޅުމީދޫން އަންހެނަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައިވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އައްޑޫސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ހުޅުމީދޫން އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެހެން ނަމަވެސް މިމީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައި ނުވެއެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ އައްޑުސިޓީ ފޭދޫން ފުރައިގެންދާ ފެރީއަކުން ހުޅުމީދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށެވެ. އަދި މިމީހާ ހައްޔަރު ކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ޖުލައި މަހުގެ 15 ވަނަ ދުވަހުގެ 15:23 އެހާކަށްހާއިރު ހުޅުމީދޫ ބަނދަރުމަތިންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން އެ އަންހެންމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ އަތުގައިއޮތް އަތް ދަބަހަކުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އައްޑޫސިޓީ ހުޅުމީދޫ ކޯޓަށް ހާޟިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ އައްޑޫސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.