ނިއުޒިލެންޑަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ އާއިލާ މެންބަރުންނާއި އެހަމަލާގައި ޒަހަމްވި މީހުން ހިމެނޭ ގޮތަށް ޖުމްލަ 200 މީހަކަށް ހައްޖު ދަތުރު ދިނުމަށް ސައުދީ އަަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒް ނިންމަވައިފިއެވެ.
މިދަތުރާއި ބެހޭ ގޮތުން ވާހަކަދައްކަމުން ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން މި މަސައްކަތާއި ހަވާލުވެ ހުންނެވި ޝޭއިޙް އަބްދުލްއާތިފް އަލްޝޭއިޙް ވިދާޅުވީ ނިއުޒިލޭންޑްގައި ހުންނަ ސައުދީ އެމްބަސީ އާއި ގުޅިގެން ހައްޖު ދަތުރުގެ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެވި އެކަން ކުރިއަށްދާކަމަށެވެ. އަދި ނިއުޒިލޭންޑުންދާ ހައްޖުވެރިންނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް އެންމެ ފުރިހަމަ ގޮތުގައި ދިނުމުގެ މަސައްކަތް މިހާރުއްސުރެ ފެށިފައިވާކަމަށް ޝޭއިޙް އަބްދުލްއާތިފް ވިދާޅުވިއެވެ.
ކްރިސްޗާޗް ހަމަލާގެ އަސަރު ކުރި 200 މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ހުރިހާ ޚަރަދަކާއި އިންތިޒާމެއް ހަމަޖައްސާނީ ސައުދީ އަރަބިއްޔާގެ ސަރުކާރުންނެވެ. މިއަހަރު މިއެންމެން ވެސް ހައްޖުގެ އަޅުކަން އަދާކުރާނެއެވެ. ނިއުޒިލެންޑްގެ 200 މީހުންނަށް ދޭ ހައްޖުދަތުރުގެ އިތުރުން ފަލަސްތީނުގެ 1000 މީހަކަށްވެސް ހައްޖުދަތުރު ދިނުމަށް ސައުދީ ރަސްގެފާނުވަނީ ނިންމަވާފައެވެ.