English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

ކަނޑު ދަތުރުފަތުރު ކުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ކަނޑުމަތީގައި ހިނގާ ހާދިސާތައް މަދުކުރުމުގެ ގޮތުން ހުޅުމާލެ އަދި ހުޅުލޭގައި ދަތުރުކުރާ ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ޕްރޮގްރާމެއް މެރިން ޕޮލިހުން ފަށާފައިވާ ކަމަށް ޕޮލިސް ސާވިސް އިން ވިދާޅުވެއްޖެއެވެ.

ޕޮލިސްވެބްސައިޓްގައި ވިދާޅުވެފައިވަނީ، މިޖުލައި މަހުގެ 14 ދުވަހު “އަމާން ދަތުރަކަށް” ގެ ނަމުގައި ފެށި މިޕްރޮގްރާމްގެ ދަށުން، މަސްދޯނި ފަހަރާއި މުދާއުފުލާ އުޅަނދުފަހަރާއި ޕަސިންޖަރުން އުފުލާ އުޅަނދުތައް ބަލައިފާސްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ބަލާ މިންގަޑުތަކުގައި ހިމެނެނީ މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކޮށްފައިވާ ސީވާދިނަސް ހުއްދައާ އެއްގޮތަށް އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިތޯ އާއި އެއުޅަނދެއް ދުއްވަނީ ލައިސަންސް އޮތް ފަރާތެއްތޯ ކަށަވަރު ކުރުމާއި އެއްވެސް އުޅަނދެއްގައި ކެޕްޓަނުންގެ ގޮތުގައި ބިދޭސީން އުޅޭތޯ ބެލުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެއިތުރުން ފުލުހުންވިދާޅުވީ، މި ޕްރޮގްރާމުގައި، އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން ބުނެދިނުމާއި އުޅަނދުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް މަޢުލޫމާތު ދިނުން މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދާނެކަމަށެވެ. އަދި ކަނޑުމަތިން އެއްވެސް އުޅަނދަކަށް ހާދިސާއެއް ދިމާވެއްޖެނަމަ ފުލުހުންގެ ފަރާތުން ދޭންޖެހޭ އެހީތެރިކަން އެންމެ އަވަސް ގޮތެއްގައި ފޯރުކޮށް ދިނުމަށް މަގުފަހި ކުރުމުގެ ގޮތުން، މިޕްރޮގްރާމްގެ ދަށުން ބަލައިފާސްކުރެވޭ އުޅަނދު ފަހަރުގެ ވެރިފަރާތުގެ މަޢުލޫމާތާއި އުޅަނދު ދުއްވާ ފަރާތުގެ މަޢުލޫމާތާއި ފަޅުވެރިންގެ މަޢުލޫމާތު ނަގައި އެފަރާތްތަކާ ގުޅޭނެ ނަންބަރުވެސް ނަގަމުންދާނެކަމަށެވެ.

މި ޕްރޮގްރާމް ފަށާފައިވަނީ މިކަމަށްޓަކައި ހުޅުލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިޕްރޮގްރާމްގެ ދަށުން މިހާތަނަށް 48 އުޅަނދު ބަލައިފާސްކޮށްފައިވެއެވެ.