English Edition
Dhivehi Edition
ދިވެހިރާއްޖެއަކީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްނުވާ ޤައުމެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅައި، މިއަދު އެކަމުގެ ލިއުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމާ ޙަވާލުކުރުން

ދިވެހިރާއްޖެއަކީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްނުވާ ޤައުމެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މިއަދު ކަނޑައަޅައިފިއެވެ.

މިއަދު ހެނދުނު މިކަމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވެވި ރަސްމިއްޔާތުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ފަރާތުން އެކަމުގެ ލިއުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމާ ޙަވާލުކުރެއްވީ އެ ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގްއެވެ.

މިއީ މިސަރަހައްދުގެ ޤައުމު ތަކުގެ ތެރެއިން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މިލިޔުން ލިބުނު ދެވަނަ ޤައުމެވެ. މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ދިވެހިރާއްޖެއަކީ، މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްނުވާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައެޅި 12 ވަނަ ޤައުމެވެ.

މީގެ ކުރިން މެލޭރިއާ، ފައިލޭރިއާ އަދި ހިމަބިހި ނައްތާލެވުނުކަމަށް ކަނޑައަޅައި ދިވެހިރާއްޖެއަށް ވަނީ ލިޔުންދީފައެވެ. އަދި މީގެ އިތުރުން ރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ޕޯލިއޯ އަދި ތުއްތު ކުދިންނަށް ޖެހޭ ޓެޓަނަސް ނައްތާލެވުނު ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މިއީ ގައިންގަޔަށް އަރާ ބައްޔެއް ނައްތާލެވުނު ކަމަށް ކަނޑައަޅައި ދިވެހިރާއްޖެއަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ލިބުނު 4 ވަނަ ސެޓިފިކެޓެވެ.

ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދޭ އެއްކަމަކީ އާންމު ޞިއްޙަތު ރަނގަޅުކޮށް، ދުޅަހެޔޮ، ހަށިހެޔޮ ޞިއްޙަތެއްގައި ރައްޔިތުން ބޭތިއްބުމަށް ކަމަށާއި، މިއީ ދިވެހި ދަޢުލަތުން ވަރަށް ބޮޑު ހޭދައެއް ކުރާކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އަދި ރާއްޖެއަށް މިލިބުނު ކާމިޔާބީ ދެމެހެއްޓުމަށް އިތުރަށް މަސައްކަތް ކުރުމަށް އެންމެހާ ފަރާތްތަކުންވެސް ޢަޒުމް ވަރުގަދަ ކުރުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.