ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ ގޮތް ބެއްލެވުމަށްފަހު ނައިބް ރައީސް އައްޑޫން ފުރާވަޑައިގެންފި
3 މަސް ކުރިން
އަޙްމަދު

އައްޑޫސިޓީގައި މި ސަރުކާރުން ކުރިޔަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވައިލެއްވުމަށްކުރެއްވެވި އެއްދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވެވުމަށް ފަހު ނައިބުރައީސް ފައިސަލް ނަސީމް މިއަދު ހަވީރު އައްޑޫން ފުރާވަޑައިގެންފިއެވެ.

މިއަދުގެ ހެނދުނުގެ ވަގުތެއްގައި އައްޑޫއަށް ވަޑައިގެން ނައިބު ރައީސް ވަނީ ހުޅުމީދޫއަށް ވެސް ޒިޔާރަތް ކުރައްވަވާފައެވެ. އަދި  ހުޅުމީދޫ މަގުހަދާ ސަރަހައްދު ބައްލަވައިލެއްވުމަށްފަހު އެރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ވެސް ނައިބް ރައީސް ވަނީ ބައްދަލުކުރައްވަވާފައެވެ.

Advt

Advertisement

ހުޅުމީދޫ އަށް ކުރެއްވެވި ޒިޔާރަތަށް ފަހު  އައްޑޫގެ ބައެއް ސްކޫލްތަކަށް ވެސް ނައިބް ރައީސް ވަޑައިގެންނެވިއެވެ.  އޭގެ ފަހުން އިންޖީނުގެއަށް ވަޑައިގެން ތަނުގެ ހާލަތު އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ.

މި ދަތުރުގައި  ނައިބު ރައީސް ވަނީ އައްޑޫސިޓީ ކައުންސިލާވެސް  ބައްދަލުކުރައްވަވާފައެވެ. މިބައްދަލުވުމުގައި ސަރުކާރުން އައްޑޫގެ ތަރައްޤީއަށް ރާއްވަވާފައިވާ މަޝްރޫޢުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި އައްޑޫއަށް ދިމާވެފައިވާ ދަތިތައް އެމަނިކުފާނު ވަނީ އޮޅުންފިލުއްވަވާފައެވެ.

ކައުންސިލާއެކު ބޭއްވި ބައްދަލުވުމަށްފަހު ކޮންވެންޝަން ސެންޓަރުގައި ގާއިމުކުރާ އާ ހޮސްޕިޓަލުގެ މަސައްކަތް ކުރިޔަށްދާ ގޮތް ވެސް އެމަނިކުފާނު މިއަދު ވަނީ ބައްލަވާލައްވާފައެވެ.

މިދަތުރުފުޅުގައި އެމަނިކުފާނާއެކު ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އާއި އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދުވެސް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ނައިބު ރައީސް އައްޑޫއަށް ކުރެއްވި އެއްދުވަހުގެ ކުރު ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހަވީރު ވަނީ ފުވައްމުލަކަށް ފުރާވަޑައިގެންފައެވެ.