English Edition
Dhivehi Edition

“ރިވެލި އެވޯޑް 2019” ޙާޞިލުކުރެއްވި އެކާވީސް ފަރާތާއި މިއެވޯރޑް ޙަވާލްކޮށްދެއްވެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މިއެވޯޑަކީ،މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާރވިސަސް އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލުން ގުޅިގެން ދޭ އެވޯޑަކެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި މި ޙަފުލާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، މިދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ އެވޯޑް އަދި ރަައީސުލްޖުމްހޫރިއްޔާ ދެއްވާ އެވޯޑް މިފަރާތްތަކާއި ހަވާލުކޮށްދެއްވީ ރައީސް ޞާލިޙެވެ.

މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދަކީ، ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނެތި ޚިދުމަތް ދިނުންކަމަށާ އަދި ސަރުކާރުގެ ސިޔާސަތަކީ، ނުކެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ރައްކާތެރިކަމާއި އަޅާލުން ދިނުންކަމަށެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު އައި.ޖީއެމް. ހޮސްޕިޓަލުގައި ހުޅުވި މެންޓަލް ހެލްތު ސެންޓަރަކީ މި ސިޔާސަތުގެ ތެރެއިން ޤާއިމުކުރި މަރުކަޒެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމަށް، އައި.ޖީ.އެމް. ހޮސްޕިޓަލުގައި މިހާރު އެންސްޕާ އާއި އާސަންދައިގެ ޚާއްސަ ކައުންޓަރެއް ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައިވާކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.

އަދި މީގެ އިތުރަށްވެސް ރައީސްވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވެގެންދާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް މިހާރަށް ވުރެ މާ އުފާވެރި މާ ހިތްފަސޭހަ ދިރިއުޅުމެއް ފެނިގެން ދާނެކަމުގެ އުފާވެރި ޚަބަރުވެސް ދެއްވާފައެވެ.

މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އިތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ދައުލަތުގެ އެކި އިދާރާތަކުގެ ޢިއްޒަތްތެރިން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.