English Edition
Dhivehi Edition

އައްޑޫގެ ގިނަ ގޭބިސީތަކުން ނިމިގެން ދިޔަ ޖޫންމަހުގެ ކަރަންޓް ބިލްތައް %50 އާއި ހަމައަށް ކުޑަވެފައިވާކަން ފާހަގަ ވެއްޖެއެވެ.

ޖޫން މަހުގެ ކަރަންޓް ބިލް ލިބުމުން ގިނަ ބަޔަކު ހިތްހަމަޖެހިފައިތިބެ އެކަން ސޯޝަލް މީޑިއާގައި ފާހަގަ ކުރަމުން ދަނީ ކަރަންޓް ބިލްތަކުން ބޮޑުތަނުން ކުޑަވެފައިވާތީ އެވެ. އެގޮތުން އާއްމުކޮށް -/1000 ރުފިޔާ އަރަމުން ދިޔަ ބިލްތަކަށް -/500 ރުފިޔާއާއި ހަމައަށް ކުޑަވެފައި ވެއެވެ. އަދި -/4000 ރުފިޔާ ގެ ބިލްތައް -/3500 ރުފިޔާ އާއި -/2000 ރުފިޔާއަށް ވެސް ކުޑަވެފައި ވެއެވެ.

މި ބަދަލާއި ގުޅިގެން ފެނަކަ އައްޑޫ ގޮފިއިން މައުލޫމާތު ސާފުކުރުމުން ކަރަންޓްގެ އަގަށް ނިމިދިޔަ މަހު ބަދަލެއް ގެނެސްފައި ނުވާކަމަށް ބުނެފައި ވެއެވެ. ނަމަވެސް ގިނަ ގޭބިސީތަކުގެ ކަރަންޓް ބިލްތައް ކުޑަވެފައިވާކަން އެކުންފުނިންވެސް ފާހަގަ ކޮށްފައިވެއެވެ. އެގޮތަށް ކަރަންޓް ބިލް ކުޑަވެފައިވަނީ ޖޫންމަހަކީ ވިއްސާރަ މަހަކަށް ވެފައި ކަރަންޓް ބޭނުން ކުރެވުނު މިންވަރު މަދުވުމުން ކަމަށްވެދާނެ ކަމަށާއި، ކަރަންޓް އުފެއްދުމާއި ޑިސްޓިބިއުޝަނަށްވެސް އިތުރު ބަދަލެއް ގެނެސްފައި ނުވާކަމަށް ވެސް މަޢުލޫމާތު ދީފައި ވެއެވެ.

ކަރަންޓް ބިލްތަކުގެ އަގަށް މީގެ ކުރިން ބަދަލުތަކެއް ގެނެސްފައި ވީނަމަވެސް މިފަހަރުގެ ބިލަށް އައިސްފައިވާ ފަދަ ބޮޑު ބަދަލެއް އައިސްފައި ނުވެއެވެ.

އާއްމު ރައްޔިތުނަށް ދެވޭ ކަރަންޓްގެ އަގު ހެޔޮ ކުރުމަކީ މިސަރުކާރުގެ ވަޢުދެކެވެ.