English Edition
Dhivehi Edition

އަޅުގަނޑުމެން އެންމެންމެ އެޤައުމަކަށް ނިސްބަތްވާ، އަދި އެޤައުމަކަށް ނިސްބަތްވީތީ ފަހުރުވެރިވާ ދިވެހި ޤައުމުގެ އުފެއްދުންތެރިކަމާއި މެދުގައި އަމިއްލަ ސިކުނޑިން ވިސްނައި ފިކުރުކޮށްލުމަކީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ހަމަ ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެކެވެ. ހަޤީގަތުގައިވެސް އަޅުގަނޑުމެންގެ ޤައުމަކީ ވަސީލަތްތައް މަދު، ލިބިފައިވާ ވަސީލަތްތަކުގެ ބޭނުން އެދެވޭ ގޮތުގައި ހިފަމުންދާ ޤައުމެއްތޯ އަމިއްލަ ނަފުސާއި ސުވާލުކޮށް ހިނދުކޮޅަކަށް ނަމަވެސް ވިސްނުމާއި ބުއްދީގެ ބޭނުން އިވެމުންދާ އަޑުތަކާއި ދެކެވެމުންދާ ވާހަކަތަކުގެ މައްޗަށް ހިންގައިލުމަކީ މިއަދު ކޮންމެހެންވެސް ކުރަންވެއްޖެ ކަމެކެވެ. މިއީ ޤައުމުގެ ބަނޑުން އުފަންވެފައިވާ ހަމަކޮންމެ ދަރިއެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެކެވެ.
ވިސްނާލައްވާށެވެ. އިޤްތިސާދީގޮތުން ޤައުމެއް ކުރިއަރައި، އެޤައުމަކީ ފުދުންތެރި ޤައުމަކަށް ހަދައިދެނީ ލިބިފައިވާ ގިނަގުނަ ވަސީލަތްތަކަކުން އެކަންޏެއްނޫނެވެ. ލިބިފައިވާ ތަޢުލީމާއި، ގަދަހިތްވަރާއި މަސައްކަތްތެރިކަމުގެ އިތުރަށް ފަރުދީ އެއްބައިވަންތަކަމާވެސް އެކުގައެވެ. މިކަމުގެ މިސާލުތައް ދުނިޔޭގެ އެކިކަންކޮޅުތަކުން އަބަދުވެސް އެދަނީ ފެންނަމުންނެވެ. ތިޔަބޭފުޅާގެ ވިސްނުން އަޅުގަނޑާއިއެކު އެފްރިކާއަށް ގެންދަވާށެވެ. އެންމެ ބޮޑު އެއްބައްރެވެ. މުޅި ދުނިޔޭގެ ސަހަތުގެ ހަ އިންސައްތައެވެ. މުޅި ދުނިޔޭގެ ހިކިފަސް ބިމުގެ 20.4އިންސައްތައެވެ. ދުނިޔޭގެ އާބާދީގެ 14.72 އިންސައްތަ މީހުނެވެ. އެއީ ބިލިޔަނަކަށްވުރެ ގިނަމީހުނެވެ. ޤުދުރަތީ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ތެޔޮ، އަލިމަސް،ރަން، ދަގަނޑު، ރިހި އަދި ޔުރޭނިއަމްގެ އިތުރުން ލަކުޑިއާއި ގެރިބަކަރިއާއި މޭވާއާއި ތަރުކާރީގެ ހާއްޔެއްފަދަ ތަނެކެވެ. މިހުރިހައި ވަސީލަތްތަކަކާއިއެކު އަދިވެސް އެފްރިކާ އޮތީ ދުނިޔޭގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ބައްރުގެ ގޮތުގައެވެ. މިއީ އަޅުގަނޑުމެން ވިސްނައި ފިކުރުކޮށް ޢިބުރަތް ހާސިލްކުރަންޖެހޭ ފަދަ ކަންކަމެވެ.
އެފްރިކާ ތަރައްޤީނުވެ އޮތްއޮތުމަކީ ޤައިމުވެސް ވަސީލަތްތައް މަދުކަމުން ތަރައްޤީނުވެ އޮތްއޮތުމެއްނޫނެވެ. އެކަމަކުއެއީ ވަސީލަތްތަކުގެ ބޭނުން ހިފަން ދަންނަފަދަ ސިކުނޑިތަކަކާއި، ވަސީލަތްތަކުގެ ބޭނުންހިފޭފަދަ ހިތްވަރެއް އެމީހުންގެ ކިބައިގައި ނެތަތީވެ އޮތްއޮތުމެކެވެ. މިކަމުގެ ޒިންމާ ރައްޔިތުންނަށްވުރެ ބޮޑަށް ނަގަންޖެހޭނީ އެފްރިކާގެ ޤައުމުތައް ނިސްބަތްވާ ސަރުކާރުތަކުންނެވެ. އެއީ މިފަދަ ގިނަގުނަ ވަސީލަތްތަކެއް ލިބިހުރެ، އެވަސީލަތްތަކުގެ ބޭނުން ރައްޔިތުންނަށް ހިފޭނެފަދަ މަގުތަކެއް ކޮށާދެވިފައިނުވާތީއެވެ. މިއަދު އަޅުގަނޑުމެނަށް ފެންނަމުންދާ އެމެރިކާއާއި އިނގިރޭސި ވިލާތުގެ އަސްލަކީ މިމުއްސަނދިކަމެވެ.
އެނބުރި ދިވެހި ރާއްޖެއަށް އަންނަމާތޯއެވެ. ތެދެކެވެ. އެފްރިކާއަށް ލިބިފައިވާ މިންވަރާއި ގާތަށްވެސް އަޅުގަނޑުމެންނަށް ޤުދުރަތީ ވަސީލަތްތަކާއި އިންސާނީ ވަސީލަތްތައް ލިބިފައެއް ނުވެއެވެ. އެކަމަކު ސުވާލަކީ އަޅުގަނޑުމެނަށް ލިބިފައިވާ ވަސީލަތްތަކުގެ ބޭނުން އަޅުގަނޑުމެނަށް އެދެވޭ ގޮތުގައި ހިފެމުންދޭބާވައެވެ؟ އެފަދަ ވިސްނުމަކާއި މާހައުލެއް އަޅުގަނޑުމެނަށް ޤާއިމް ކުރެވިފައިވޭބާއެވެ؟ އަޅުގަނޑުމެނަށް ލިބިފައިވާ ހަމައެކަނި ވަސީލަތަކީ މަސްވެރިކާއި ޤުދުރަތީ ރީތިކަންބާވައެވެ؟ ވިސްނުންތެރި ނަޒަރެއް އަޅުގަނޑާއިއެކު ހިންގަވާލައްވާށެވެ. އެނގިލައްވާނޭ ފަދައިން ދިވެހި ދައުލަތަށް ނިސްބަތްވާ 1192 ރަށުގެ ތެރެއިން މީހުން ދިރިއުޅެނީ 200 ރަށުގައެވެ. މިއީ އަޅުގަނޑުމެނަށް ލިބުފައިވާ ބިމުގެ ގާތްގަނޑަކަށް 16.8 އިންސައްތައެވެ. ބާކީ 83.2 އިންސައްތަ ބިމުގެ ތެރެއިން ބޭނުންކުރެވެމުންދަނީ ނިސްބަތުން ކުޑަ ބިންކޮޅެއްގައެވެ. ބާކީ އޮތީ އަޅައިނުލެވި ދޫކޮށްލެވިފައެވެ.
ދެބަސްވެވެންނެތް ހަޤީގަތަކީ އަޅުގަނޑުމެންގެ ރާއްޖޭގައި އުފެއްދުންތެރިކަމުގެ ވިސްނުމެއްނެތްކަމެވެ. އެހެންނޫންނަމަ ދަތްކޮއްޓާ އިލޯއްޓާއި ބޯކިރު ފެކެޓް ( ކާށިކިރު ޕެކެޓް ) އެތެރެކުރަން ޚިލާލުނުކުރީހެވެ. ފަތްކެޔޮލާއި ކުކުޅުމަސް އަދި ކަރާ އެތެރެކުރަން ނުވެސްވިސްނީހެވެ. ގޭތެރޭގައި އަމިއްލައަށް ކޮށްލެވޭފަދަ މަސައްކަތްތައް ކުރަން ބޭރުން މީހުން ގެނައުމާއި ބުރައަދި އާދައިގެ މަސައްކަތްތަކަށް ބިދޭސި މަސައްކަތްތެރިން އެތެރެ ކުރުމުގެ ވިސްނުން ނުގެންގުޅުނީހެވެ. ކަންނެތްކަމާއި ބޮޑާކަމުގެއަވާގައި ޤައުމުގެ އިޤްތިސާދީ އަތް އެއްދުވަހުން އަނެއްދުވަހަށް ބަދެވެމުންދާއިރު އެކަމާއިމެދު ވިސްނައި ފިކުރުހިންގީހެވެ.
ހަޤީގަތަކީ ބޭރުން އެތެރެކުރާ ގިނަބާވަތްތަކުގެ މޭވާއާއި ތަރުކާރީއާއި މަހުގެ ބާވަތްތަކުގެ އިތުރަށް އެތެރެކުރެވޭ ގިނަގުނަ ހިދުމަތްތަކަކީ ރައްޖޭގައިވެސް އުފެއްދިދާނެ ބާވަތްތައްކަމެވެ. އަޅުގަނޑުމެން ބޭނުންކޮށް އިތުރުވާވަރަށްވެސް ރާއްޖޭގައި ތަރުކާރީއާއި މޭވާ ހެއްދިދާނެކަމެވެ. ގެރި ބަކަރިއާއި ކުކުޅާއި ކުކުޅުބިސް އުފެއްދިދާނެކަވެ. ދަތްކޮއްޓާ އިލޮށި، ޓިޝޫ، ދުފަން ބޭނުންކުރާ ފޯއް، ކައްޓަލަ ނުވަތަ އަލުވިން ހަދާފައިހުންނަ ޗިޕްސް އަދި ސުޕާރިފަދަ އެތައް އެއްޗެއްވެސް އުފެއްދި ދާނެކަމެވެ. މިނަންގަތީ އަޅުގަނޑުމެނަށް ލިބިފައިވާ ވަސީލަތްތަކުގެ ބޭނުންކޮށްގެން މިހާރުން މިހާރަށްވެސް އުފެއްދިދާނެ ބައެއް ތަކެތީގެ ވާހަކައެވެ. އުފެއްދުންތެރިކަމުގެ ވިސްނުން މިއަށްވުރެވެސް ފުޅާކަމުގައިވާނަމަ ލާން ގެންގުޅޭ އެންމެ އާދައިގެ އަންނައުނުން ފެށިގެން ގޭތެރެގައި ގެންގުޅޭ ކޮންޕިއުޓަރު ސިސްޓަމަށް ދަންދެންވެސް އުފެއްދިދާނެއެވެ. މިކަމަށްޓަކައި އެންމެ ބޮޑަށް ބޭނުންވާ ވަސީލަތްތައްކަމަށްވާ ވިސްނުންތެރިކަމާއި ހުނަރުވެރިކަން ގުދުރަތުން އަޅުގަނޑުމެން ދިވެހީންނަށްވަނީ ދެއްވާފައެވެ.
މިދެންނެވި ވާހަކަތައް ޤަބޫލުފުޅުކުރައްވަން ދަތިފުޅުނަމަ، ތިޔަބޭފުޅާގެ ވިސްނުން އަޅުގަނޑާއިއެކު މިފަހަރު ޖަޕާނާއި ސިންގަޕޫރަށް ގެންދަވާށެވެ. ތަރައްޤީއާއި ތަހުޒީބުގެ މަގުގައި އެންމެ ކުރީސަފުން ޖާގަހޯދާފައިވާ ދެގައުމެވެ. ދުނިޔޭގެ ނިސްބަތުންކުޑަ، އާބާދީމަދު، ޤުދުރަތީ ވަސީލަތްތައްވެސްމަދު ދެޤައުމެވެ. ދަނގަޑާއި ޕްލާސްޓިކުގެ މުއްސަނދިކަން ލިބިފައިނެތަސް އެތަކެތި ބޭނުންކޮށްގެން އުފައްދާ ތަކެތީގެ މުއްސަނދިކަން އިންތިހާއަށް ލިބިފައިވާ ދެޤައުމެވެ. މިއީ ކިހިނެއްވާކަމެއްބާވައެވެ؟
އާދެ! އުފެއްދުމަކީ ވަރަށް ފުޅާމާނައެއް އެކުލެވޭ ބަހެކެވެ. ހަމައެހެންމެ މިއީ ވަރަށް ގިނަ ބަޔަކު ޝާމިލުވާ، މަސައްކަތެކެވެ. ނަމަވެސް މިއީ އެއްބަޔަކު އެއްތަނެއްގައި ތިބެގެން ފުރިހަމަކުރަންޖެހޭ މަސައްކަތްތަކެއް ނޫނެވެ. އެކިމީހުން އެކިތަނުގައި އެކިވަގުތު ތިބެގެން ފުރިހަމަކުރެވޭ މަސައްކަތެކެވެ. މިސާލަކަށް ކަރުދާސް އުފައްދާ މީހުންނަކީ ލަކުޑި އުފައްދާ މީހުނަށް ވާކަށް ނުޖެހެއެވެ. ލަކުޑިއާއި ކަރުދާހަކީ ކިތަންމެ ވަރަކަށް ގުޅިލާމެހިފައިވާ ދެއެތިކަމަށްވިޔަސް، މިދެއެތި އުފެއްދުމަކީ ތަފާތު ދެމަސައްކަތެވެ. ލަކުޑިއަށް ވަކި މަންފާއެއް ލިބއެވެ. ހަމައެހެންމެ ކަރުދާހަށްވެސް ވަކި މަންފާއެއް ލިބެއެވެ. މިހެންކަމުން ކަރުދާސް އުފެއްދޭނީ ހަމައެކަނި ލަކުޑި އުފައްދާ ޤައުމުތަކުގައި އެކަންޏޭބުނެ ނިންމައިލެވޭނެ ގޮތެއްނެތެވެ. ކުރިއަރާފައިވާ ގިނަޤައުމުތައް ޢަމަލުކުރަމުންދަނީ މިދެންނެވި ވިސްނުން ސިކުނޑީގައި ބަހައްޓައިގެންނެވެ. ބޯލަނބަނީ މިއުސޫލަށެވެ.
ދަންނަވަން މިއުޅެނީ ދަގަނޑު އެތެރެކޮށްގެން ދަގަނޑުން އުފައްދާފައިހުންނަ އެތަކެއް ބާވަތްތަކެއް އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އުފެއްދިދާނެ ވާހަކައެވެ. ޕުލާސްޓިކާއި ލަކުޑި އަދި ފޮއްޗާއި ރަންރިހި އެތެރެކޮށްގެން އެއިންވެސް އެތަކެއް އުފެއްދުންތަކެއް އުފެއްދިދާނޭވާކައެވެ.
ދެން އޮތީ މިތަކެތި ބާޒާރަށް ނެރެ ވިއްކުމުގެ މައްސަލަ ދޮގެއްތޯއެވެ؟ އުފެއްދުންތެރިކަމަށް ފުރުސަތު ދިނުމުގެ މާނައަކީ ބޭރުން ރާއްޖެއަށް އެތެރެކުރެވޭ ބާވަތްތަކުގެ ތެރޭގައިހިމެނޭ ރާއްޖޭގައި އުފެއްދޭ ފަދަބާވަތްތައް އެތެރެ ކުރުމަށް ވަކި ޚާއްސަ މިނެއް ކަނޑައެޅުން ނުވަތަ އެފަދަ ބާވަތްތައް އެތެރެ ނުކޮށް ހުއްޓައިލުމެވެ. އަދި ސަރުކާރުން ޢާންމު ރައްޔިތުންނަށް މިފަދަ ފުރުސަތުތަކަށް މަގުފަހިކޮށްދިނުމެވެ.
އުފެއްދުންތެރިކަމުގެ ހަމައެކަނި ބޭނުމަކީ ބޭރުން އެތެރެކުރެވޭ ތަކެތީގެ އަދަދު މަދުކުރުމެއް ނޫނެވެ. ޤައުމީ ފުދުންތެރިކަން އިތުރުކުރުމެވެ. އުފެއްދުންތެރިކަމުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ ގިނަގުނަ ވަޒީފާތަކެއް ޢާންމު ރައްޔިތުންނަށް ލިބިގެންދިއުމެވެ. ނަތީޖާއެއްގެ ގޮތުން ކުރާނެ މަސައްކަތެއްނެތި ދެއަތް އުރާލައިގެން ތިބެންޖެހިފައިވާ އާބާދީގެ ނިސްބަތް ދަށަށްގޮސް ޤައުމުގެ އިޤްތިސާދީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުވެގެންދާނެއެވެ. އިޤްތިސާދީ މިނިވަންކަން ލިބި، އަމިއްލަފައި މައްޗަށް ތެދުވެވިފައިވާކަމުގެ އުފާވެރިކަމުގެ އިހްސާސްކުރެވޭނެއެވެ.
ހަލުވިކަމާއިއެކު ކުރިއަރައި ތަރައްޤީވަމުންމިދާ ދުނިޔޭގައި ފައިތިލަ ސާބިތުކުރެވެންއޮތީ އިސްވެމިދެންނެވިފަދަ ފިކުރުތަކަށް ޖާގަދީ، މިފަދަ ވިސްނުންތައް ތަޖުރިބާކޮށްގެންނެވެ. ލިބިފައިވާ ފުރުސަތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައިގެންނެވެ.