English Edition
Dhivehi Edition

ރާއްޖެއަށް ހަނގުރާމަވެރިންނާއި އެކު އަރައި ކުށެއްނެތް 19 ދިވެހިން ޝަހީދުކޮށްލި ލޭއޮހޮރުވުމުގައި އިސްކޮށް ހުރި ހ. ހާޖަރާގެ އަބްދުﷲ ލުތުފީ، ސްރީލަންކާގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލު ކުރުމަށް ހުށަހަޅުއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ލުތުފީގެ މައްސަލަ އެމަނިކުފާނުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެމައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އަދި ވަޒީރާ ސުވާލު ކުރެއްވުމަށް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، އެކަން ވަޒީރަށް އަންގަވައި، 14 ދުވަހުގެ ނޯޓިސް މިހާރު ގުނަމުންދާ ކަމަށެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުއްޓާ ބޭސް ފަރުވާއަށް އޭނާ ލަންކާ އަށް ދިޔުމަށް ހުއްދަ ދިނީ 16 ޖެނުއަރީ 2010 ގައެވެ. ބޭހަށް ފޮނުވުމާއެކު އޭނާ ވަނީ ފިލާފަ އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް އައުމުންނެވެ. އެމްބަސީގައި ލުތުފީ ހުންނަކަން ފަޅާއަރުވާލީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރެވެ. އޭގެ ކުރިން ސަރުކާރުން އޮތީ އެކަން ސިއްރު ކޮށްގެންނެވެ.