English Edition
Dhivehi Edition

އަވައްޓެރި ގައުމުތަކާއި ރާއްޖެއަށް ހެޔޮއެދޭ ގައުމުތަކާއިއެކުވެސް ގުޅުން ބަދަހިކުރާނީ ރާއްޖެގެ އިގްތިސާދަށް ފައިދާ ކުރާނެ ގޮތަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ސިންގަޕޫރުގައި ދިރިއުޅުއްވާ ދިވެހިންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ހެޔޮއެދޭ ގައުމުތަކާ އެކު ގުޅުންތައް އުފައްދާނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތަށް ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖެއާއި ސިންގަޕޫރަކީ ވަރަށް ޒަމާންވީ ވަރަށް ގާތް އެކުވެރި ގުޅުމެއް އޮންނަ ދެ ޤައުމުކަމުކަމަށާއި ރާއްޖެގެ ތަރައްގީއަށް ވަރަށް ގިނަގުނަ އެހީތެރިކަން އެގައުމުން ފޯރުކޮށްދީފައިވާކަމަށެވެ. މިގޮތުން ރާއްޖެއާއި ސިންގަޕޫރްގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ދެ ގައުމުގެ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއި ކުރެވިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ހާރިޖީ ގުޅުންތައް އިތުރަށް ބަދަހިކޮށް، ގިނަ ގައުމުތަކާ އެކު ގާތް ގުޅުންތަކެއް އުފައްދަން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެގުޅުންތައް އަލުން އިއާދަކުރުމަށް ކުރާ މަސައްކަތުގައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ކުޑަވެސް ގެއްލުމެއް ލިބޭފަދަ ކަމެއް ސަރުކާރުން ނުކުރާނެކަމުގައި ޔަގީންކަން ރައީސްވަނީ ދެއްވަފައެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ އެގައުމުގައި ދިރިއުޅޭ ދިވެހިންނާއެކު ގާތް ގުޅުމެއް އުފައްދަން ދިވެހި އެމްބަސީން މިހާރު ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. މި ގޮތުން އެމްބަސީން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި މިހާރު ދިވެހި އެމްބަސީ މެދުވެރިކޮށް ދޭ ޚިދުމަތްތަކުގެ ތެރެއިން އެމްބަސީއަށް ކޮންމެހެން ހާޒިރުވާންޖެހޭ ކަންތައް ފިޔަވައި އެހެން ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.