English Edition
Dhivehi Edition
cap test

އަޙުސަން ކުލާހުގައި އިންދާ ސްކޫލުގެ ލީޑިންޓީޗަރު ކުލާހަށް ވަޑައިގެން ޕީ ޓީ އޭ ގެ މަންދޫބަކީ ކުލާހުގެ ކޮންދަރިވަރެއްގެ ބެލެނިވެރިއެއްތޯ އެއްސެވި އެވެ.އެވަގުތު އެކުލާހުގެ އައިމަން އަތްމައްޗަށްނަގާ އެއީ އޭނަގެ ބެލެނިވެރިޔާ ކަމުގައި ބުންޏެވެ.
އައިމަން އެހެން ބުނުމުން ލީޑިން ޓީޗަރު ބެލެނިވެރިޔާގެ ނަން ބުނުމަށް އެދިވަޑައިގަތެވެ.އައިމަން ނަމަކީ ” އިކުރާމް”ކަމަށް ބުންޏެވެ. އައިމަން ބުނި ނަަމުގެ އަޑުއަހާފައި އަނެއްކާވެސް ލީޑިންޓީޗަރު ކުރެއްވީ ސުވާލެކެވެ.
” އެއީ މަންމަތަ؟ ނޫނީ ބައްޕަތަ؟”
އައިމަން އެއީ ބައްޕަ ކަމުގައި ބުންޏެވެ. ލީޑިންޓީޗަރު ނަންނޯޓު ކުރެއްވުމަށްފަހު ވަޑައިގަތެވެ.
އެހެން ޙާދިސާ އެކެވެ. މަސައްކަތުމީހުންގެ ވަޒީފާއަށް އެދި ހުށަހެޅިމީހުންގެ ތެރެއިން މާހީ ކިޔާ މީހަކު އަންނާނެކަމަށާ،އޭނާ އައުމުން އެތެރެއަށް އަންނަން އަންގާލުމަށް އޮފީހެއްގެ އިސްބޭފުޅެއް ސެކްރެޓަރީގާތު ވިދާޅުވިއެވެ. އަދި ގަޑިޖެހިގެން ދިޔައިރުވެސް އެއްވެސް މީހެއްގެ ޚަބަރެއް ނުވެގެން ވެރިޔާ ސުވާލުކުރެއްވީމާ ސެކްރެޓަރީ ،އެމީހާ ނާންނަކަމުގައި ދެންނެވި އެވެ. އެހެންނަމަވެސް ކޮންމެވެސް ފިރިހެނަކު އައިސް އެތާ ހުރެފައި ހިނގައްޖެކަމުގައި ވެސް ދެންނެވިއެވެ.
މިއަޑުއަހާފައި ވެރިޔާ ވިދާޅު ވިއެވެ.އެއީ ފިރިހެނެކެވެ. އޭނަ ނުވެއްދީ ކީއްވެ ހެއްޔެވެ.އަވަހަށް އޭނައަށް ގުޅައިގެން ގެންނާށެވެ.
ސެކްރެޓަރީ ދެންނެވިއެވެ.މާފު ކުރައްވާށެވެ.އަޅުގަނޑު ހީކުރީ މާހީއޭ ވިދާޅުވުމުން އަންހެނެއް ކަމަށެވެ.މިހާރު މިގުޅަނީ އެވެ.މިހެން ބުނެ އެމީހާއަށް ގުޅައިގެން ގެނައެވެ.
މި ދިމާވަނީ ކިޔާފައިވާ ނަމުގެ މައްސަލަ ނޫންތޯ އެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ނަމުގެ އަޑުއިވުމުން ޖިންސުގެ ސުވާލު އުފެދޭ ބައެއް ނަމުން ނަންދީ އުޅެއެވެ.މިސާލަކަށް ރަފާހު،މާހީ،މުމްތާޒް،ސުޢާދު،އިކްރާމް ފަދަ ނަންތަކަކީ ދެ ޖިންސަށްވެސް ކިޔާ އުޅޭ ނަންތަކެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ މިފަދަ ނަންކިޔުމަކީ މައްސަލައެއްބާވައެވެ.
މިކަމާބެހޭގޮތުން ދީނީ ޢިލްމުވެރިޔަކާ ސުވާލުކޮށްލުމުން ވިދާޅުވަނީ އެއީ ދީނީގޮތުންބަލާއިރު މައްސަލައެއް ނޫން ކަމުގައެވެ. ނަމުގެތެރޭގައި ދެޖިންސަށްވެސް ކިޔޭނަން ހުންނަ ކަމުގައެވެ.
އެހެން ވެއްޖިއްޔާ ދެޖިންސަށް އެއް ނަމެއް ކިޔުމުން މައްސަލައަކަށްވަނީ ކިހިނެއްވީމާހެއްޔެވެެ.މަތީގައި އަޅުގަނޑުހިމަނާލި ޙާދިސާގައިވެސް އޮޅުންތައް އެރީ ނަމުގެ މައްސަލާގައެވެ.މިއަށްވުރެ ބޮޑަށް މިކަންތައް މައްސަލައަކަށްވެގެން ދަނީ އައިޑީކާޑު ހިފައިގެން ގޮސް ކުރިމަތީގައި ހުރެ ކުރެވޭ މުޢާމަލާތްތަކުގައި ލިޔެކިޔުމާ ހަމައިން އަންހެނާ ފިރިހެނަށް ބަދަލުވެގެންދާތީ އެވެ. ނުވަތަ ފިރިހެނާ އަންހެނަކަށް ބަދަލުވެގެން ދާތީއެވެ.
މީގެތެރެއިން އެންމެ ޢާއްމުކޮށް މިމައްސަލަ ދިމާވާ އެއްކަމަކީ ފުލައިޓުން ދަތުރުކުރުމަށް ކުރެވޭ މުޢާމަލާތް ތަކުގައެވެ.ފުލައިޓަކުން ފުރުމަށްޓަކައި އައިޑީކާޑު ކޮންމެހެން ބޭނުން ކުރެއެވެ.އައިޑީ ކާޑު ބަލާފައި ކުރިމަތީގައި ހުންނަ މީހާ ބަލާފައިވެސް މިދެންނެވި ޒާތުގެ ނަމެއް ކިޔާ މީހަކުނަމަ އޮންނާނީ ޖިންސު ބަދަލު ވެފައެވެ.ގިނަފަހަރަށް ބަދަލުވަނީ އަންހެނުން ފިރިހެނުންނަށެވެ. އަދި ހަމަ ރަސްމީ އޮފީސްތަކުން ދޭ ސެޓްފިކެޓް ފަދަ މުހިއްމު ލިޔުންތަކުގައިވެސް އަލްފާޟިލާ ލިޔަން ޖެހޭ ޙާލަތްތަކުގައި އަލްފާޟިލު ލިޔެފައި އެބަ ހުއްޓެވެ.ފަހަރެއްގައި ބައެއްމީހުންނަށް މިއީވެސް މާބޮޑުކަމަށް ނުވެ ހިނގައިދާނެއެވެ.
އެހެންވެއްޖެނަމަ މިފަދަ ނަމެއްކިޔާ ކުއްޖެއްގެ އިޙްސާސްތައްވެސް ހުންނާނީ މިކަހަލަގޮތަކަށް ބާވައެވެ.ބޮޑުކަމަކަށް ނުވާނެ ބާވައެވެ. ނޫނެކެވެ. އެހެނެއް ނޫނެވެ.ކުލާހުގައި މިކަހަލަ ނަމެއް ކިޔާ ކުއްޖަކު ހުރި ނަމަ ވަރަށް ދިމާ ކުރާކަމަށް ޓީޗަރަކު ވިދާޅުވިއެވެ.އަދި އެކަމާ އެކުއްޖާ ދެރަވެގެން ވާހަކަ ދައްކާ ކަމުގައިވެސް ވިދާޅުވިއެވެ.
އެނގިވަޑައިގަންނަވާނޭފަދައިން އަޅުގަނޑުމެން މުޖުތަމަޢުތެރޭގައި އުޅޭއިރު ކަންކަން ރާވާ ތަރުތީބުކޮށް ހިންގަމުން މިދަނީ ވީހާވެސް ބޮޑަކަށް އޮޅުންނާރާނޭ ފަދަ ގޮތްތަކަށް ވިސްނައިގެންނެވެ. ކޮންމެގެއަކަށް ވަކި ނަމެއް، ކޮންމެ ސްކޫލަކަށް ވަކި ނަމެއް، ކޮންމެ ޕާޓީއަކަށް ވަކި ނަންތައް ކިޔާ އުޅެނީ މިސަބަބަށްޓަކައެވެ.އަދި މީގެ އިތުރުން ތަފާތު ފޯމްތައް ފުރާއިރު ނުވަތަ ފުލައިޓު ދަތުރު ކުރާއިރު ދަތުރުވެރިންގެ ޖިންސު އެނގޭނެހެން ލިޔަނީވެސް މުހިއްމު ސަބަބުތަކެއްވާތީ ނޫންތޯއެވެ.ނަމަވެސް ހަމަ ނަމެއް އޮންނަ ގޮތަކުން ނަމަށް ބަލާފާ ވަދީފާ ،ޙަސީނާ، ޝަރީފާ ފަދަ ފަހަތަަށް ދަމާފައި އޮންނަ ނަމަކަށް ނުވާތީ ނުވަތަ އެނަން ފިރިހެނަކަށް ކިޔާތީ ފިރިހެން ކޮށްލާ އުސޫލު މިވަނީ ފެންނަން ފަށާފައެވެ.މީގެ ސަބަބުން ތަފާތު ސުވާލު އުފެދޭގޮތް ވެއެވެ.
މިފަދަ ސުވާލު އުފެދި މައްސަލަޖެހޭ އެހެނ ްޙާލަތްތައްވެސް ކުރިމަތި ވެއެވެ.މިސާލަކަށް މުމްތާޒުކިޔާ މީހަކާއެއްކޮށް އަންހެނަކު ތަނަކަށް ގޮސްފައި އައިސް އޭނަގެ ފިރިމީހާގާތު ތިމަންނަ ފިހާރައަށް ދިޔައީ މުމްތާޒުއާ އެކުގައޭ ބުނެފިނަމަ ރުޅިގަދަވާ ޙާލަތްތައް މެދުވެރި ވެފައި އެބަހުއްޓެވެ.ސަބަބަކީ އޭނަ ދަންނަނީ މުމްތާޒުކިޔާ ފިރިހެނެއް ނަމަ އޭނައަށް ސިފަވެގެންދާނީ މުމްތާޒަކީ ފިރިހެނެއްގެ ގޮތުގައެވެ. ދެން ދިމާވެގެންދަނީ އިތުރު މައްސަލަތަކެވެ. ދައްކަންޖެހެނީ އިތުރު ވާހަކަ ތަކެވެ.
ކޮންމެއަކަސް މިއީ ދިމާވަމުންދާ ކަންތަކެވެ.މިކަމުގައި އެއްގޮތަކަށްވެސް އަޅުގަނޑު ނަން ދޭ މީހުން ނުވަތަ ނަން ފާސް ކުރާ މީހުންކުރަނީ ގޯސް ކަމެކޭ ނުދަންނަވަމެވެ.އެކަންތައް ކުށްވެރކުރެވޭނެ ޖާގައެއް ނެތީމެވެ.ދެޖިންސަށްވެސް އެގޮތަށް ނަންކިޔާ އުޅެނީ މުޖުތަމަޢުގެތެރޭގައި އޮތް ސަގާފަތެއްގެ ތެރެއިންނެވެ.ދީން ހުއްދަކުރާތީއެވެ.މައްސަލައެއްކަމަށް ބަޔަކު ގަބޫލު ނުކުރާތީއެވެ.
މިކަމުގައި ދަތިތަކާ ކުރިމަތި ވާ ވާހަކަ ދެކެވޭ ހިނދު އަޅުގަނޑުގެ ހިތުގައި އުފެދޭ އެހެން ސުވާލެއް އެބައޮތެވެ. އެއީ އެފަދަ ނަމެއް ކިޔާ ދެމީހަކު ރައްޓެހިވެ ކައިވެންޏަކުން ގުޅެން ބޭނުންވެއްޖެ ޙާލަތެއްގައި ވާނީ ކިހިނެއްތޯއެވެ.މިސާލަކަށް އަލްމާސް ކިޔާ އަންހެނުން ވެސް އުޅެއެވެ.ފިރިހެނުން ވެސް އުޅެއެވެ. އެ ދެމީހުން ކައިވެނިކޮށް ކުދިން ލިބިއްޖެ ނަމަ މަންމައަކަށްވެސް ވާނީ އަލްމާސް އެވެ. ބައްޕައަކަށްވެސް ވާނީ އަލްމާސް އެވެ.އޭރުން އުފެދޭނީ ލިޔުން ފަށަމުންގެނައި ޙާދިސާގައި އުފެދުނު ސުވާލެވެ.އެއީ މަންމަ ހެއްޔެވެ.ނޫނީ ބައްޕަހެއްޔެވެ. މިގޮތަށް ދިމާވުމަކީ މައްސަލައެއް ބާވައެވެ.
މިކަމުގައި ދީނީ ޢިލްމުވެރިއެއްގެ އަރިހުން އޮޅުން ފިލުވާލުމުން ވިދާޅުވަނީ އެއް ނަމެއް ކިޔަސް ކައިވެނި ސައްޙަ ވާނޭ ކަމުގައެވެ. އެއީ ތެދުވާހަކަ އެކެވެ. އިންނަން އުޅޭ ދެމީހުންނަށް އެއް ނަމެއް ކިޔުމަކީ ކައިވެނި ހުއްދަނުވާނޭ އުޒުރެއް ނޫންކަން ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ.
ނަމަވެސް ހުއްދަ ބައެއްކަންތައް ތަކުގައިވެސް ކަމާ ބެހޭ ފަރާތްތަކުން ތަފާތު ސަބަބުތަކަށްޓަކައި އުސޫލުތަކެއް ކަނޑައަޅުއްވާފައި ވެއެވެ.
އެހެންވެއްޖެ ނަމަ މިކަމުގައި ހައްލަކީ ކޮބައިތޯ އެވެ.އެއީ މައްސަލައެއްތޯއެވެ. ފަހަރެއްގައި މިފަދަ ގޮތެއް މަެދުވެރި ވެއްޖެނަމަ އެއީ މިހާރުގެ ކުދިންނަށް މާ ” ސަޅި” ގޮތަކަށްވެސް ވެދާނެއެވެ. ފަހަރެއްގައި އަލްމާސް އާއި އަލްމާސްގެ ކައިވެނި ވެގެން ދިޔުމަކީވެސް ވެދާނެ ގޮތެކެވެ. ކޮންމެއަކަސް ޚިޔާލަކީ ތަފާތު އެއްޗެކެވެ.މިކަމުގައި އަޅުގަނޑު އިތުރުވާހަކައެއް ދަންނަވާކަށް ނެތީމެވެ.މިސުވާލު ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ.