ކައުންޓަ ޓެރަރިޒަމް އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ކަމާ ގުޅުން ހުރި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްގެ ހެޑްކުއާޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅަން މުއައްސަސާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި އެވެ. އަދި މީގެ އިތުރަށް ހާމަ ކުރެއްވި ގޮތުގައި ޓެރަރިޒަމްގެ ހަމަލާއަކުން ރާއްޖެ ސަލާމަތް ކުރުމަށް ނުވަތަ ކަމެއް ދިމާވެއްޖެ ނަމަ، ރެސްޕޮންޑް ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ.
ޝާމިލް ވިދާޅުވީ ޓެެރަރިޒަމްގެ ނުރައްކަލުން ދިފާއުވުމަށް އެމްއެންޑީއެފުން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރަން ސިފައިން ތައްޔާރަށް ތިބި ކަމަށެވެ. އަދި ތްރެޓު އެސަސްމެންޓް މެކޭނިޒަމްތައް ހަރުދަނާކޮށް އެކަންކަމުން ސަލާމަތްވާން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ދިމާވެދާނެ ޙާލަތަަކަށް ތައްޔާރު ވުމުގެ ގޮތުން އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ދާދި ފަހުން ސިލްސިލާ ތަމްރީންތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މިއަހަރު ލަންކާއަށް ދެއވުނު ޓެރަރިޒަމްގެ ހަމަލައަށް ފަހު ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކާ ބޮޑު ކަމަށް އެމްއެންޑީއެފުން މިއަދުގެ ބައްދަލުވުމުގައި ބުނި އިރު، އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން ހުރި ދިވެހިންތަކެއް އައްޑޫން ހައްޔަރު ކުރި ކަމަށް ސޯޝަލް މީޑިއާގައި އިއްޔެވަނީ އަޑު ފެތުރިފައިވެ އެވެ.