އެތައް އަހަރެއް ވަންދެން ފިލައިގެން އުޅުމަށް ފަހު، ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ގޮސް ހަވާލުވި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، 48 ގަޑިއިރުގެ ތެރޭގައި ރާއްޖެ ގެނައުމަށް ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށް ފުލުހުން ރޭ ބުނެފި އެވެ.
ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު އޮންލައިން ނޫސް “މިހާރު”އަށް ވިދާޅުވި ގޮތުގައި އެ ދުވަހުން ފެށިގެން ފުލުހުން ލުތުފީއާ ހަވާލުވެ ރާއްޖެ ގެނައުމުގެ މަސައްކަތް ކަމާބެހޭ އެންމެހާ އިދާރާތަކާ ގުޅިގެން އައީ ކުރަމުންނެވެ. އެކަމަކު އދ.ގެ ސިސްޓަމްގެ ތެރެއިން ލުތުފީ ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ހޯދަން އެދުނު ލިޔެކިޔުންތަކެއް ގެންގުޅުމާއި ގާނޫނާ ޚިލާފަށް ލަންކާގައި ދިގު މުއްދަތެއް ވަންދެން ދިރިއުޅުމުން އޭނާ ރާއްޖެ ވަގުތުން ގެނައުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.
ފުލުހުން ދިން ދެ ދުވަހުގެ މުއްދަތު މިއަދު ހަމަވުމާއެކު ފުލުސް އޮފީހުން ބުނީ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ލަންކާގެ ކަމާ ބެހޭ އިދާރާތަކުން ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް މިއަދާ ހަމައަށް ވެސް ފުރިހަމަ ކުރެވިފައި ނެތް ކަމަށެވެ. އެކަމަކު އެތަނުން އުއްމީދު ކުރަނީ، ލިޔެކިޔުންތައް ފުރިހަމަ ކުރެވުނުހާ އަވަހަށް އޭނާ ރާއްޖެ ގެނައުމަށް ކަމަށް ފުލުހުން ބުންޏެވެ.