English Edition
Dhivehi Edition

މިއަދު ފެށޭހަފްތާ ބަންދުގައި އައްޑޫސިޓީގައި ކުރިއަށްގެންދާ އުރީދޫ ކަލަރ ރަން، ގުޑިމަހާސަމާ، އަދި ޓްވިޓްސާފު އައްޑޫ އެޑިޝަންގައި ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން އައްޑޫގެ ރައްޔިތުންނަށް ދައުވަތު އަރުވައިފިއެވެ.

އުރީދޫ ގުޑި މަހާސަމާ، ޖޫން 28 ވާ ހުކުރު ދުވަހުގެ ހެނދުނު 8.00 ން 10.00 އަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައިފެށިގެން ދާނެއެވެ. އުރީދޫ ކަލަރ ރަންގެ ކުރިން ބާއްވާ ގުޑި މަހާސަމާގައި މަޑި އެރުވުން، މަޑި ހެދުމުގެ ވަރކްޝޮޕްތައް، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޚާއްސަ ސްޓޯލެއް ހިމެނޭނެއެވެ. ހަމައެއާއި އެކު، އުރީދޫ ކަލަރ ރަންގެ އެކްސްޕޯ ނިމޭއިރު ނުނަގާ ހުރި ކިޓްތައް، އިތުރު ބޭފުޅުންނަށް ބައްލަވައިގަތުމުގެ ފުރުސަތު ގުޑި މަހާސަމާގައި ހުޅުވާލާނެއެވެ.

އުރީދޫ ކަލަރ ރަން ފެށިގެންދާނީ ޖޫން 28 ވާ ހުކުރު ދުވަހުގެ ހަވީރު 3.30 ން 6.00 އަށް ހިތަދޫ ސްޓޭޖް ސަރަހައްދުންނެވެ.

ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

ޓްވިޓްސާފު އައްޑޫ، ގެ ހަރަކާތްތައް ކުރިއަށް ދާނީ 29 ޖޫން ވާ ހޮނިހިރު ދުވަހުގެ ހަވީރު 3.00 ން 6.00 ކަށް، އައްޑޫ ސިޓީގެ އެކި ހިސާބުތަކުގައެވެ. އުރީދޫ އާއި ގުޅިގެން، ޓްވިޓްސާފުން ދަނީ ކުރިއަށްއޮތް ހޮނިހިރު ދުވަހުގެ ހަވީރު އައްޑޫގައި ސާފުކުރުމުގެ އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މި ހަރަކާތުގެ އިފްތިތާޙީ ހަފްލާ ކުރިއަށްދާނީ، ހޮނިހިރު ދުވަހުގެ ހަވީރު 3.00 ޖަހާއިރު، ހިތަދޫ ސްޓޭޖް ސަރަޙައްދުގައެވެ. ސާފު ކުރުމުގެ ހަރަކާތްތައް ކުރިއަށްދާނީ، ހިތަދޫ، މަރަދޫ ފޭދޫ އަދި ހުޅުމީދޫގެ ތަފާތު ސަރަހައްދުތަކުގައެވެ.

އެންމެ ޓްވީޓަކުން ފެށި، އާންމުންގެ މަޤްބޫލުކަން ހޯދާފައިވާ މި ޕްރޮގްރާމު ރާވާ ހިންގަމުންދަނީ ޓްވިޓްސާފުގެ ވޮލަންޓިއަރުންގެ އެހީގައެވެ. މާލެ އަދި ހުޅުމާލޭގައި އިވެންޓުތަކެއް ކުރިއަށްގެންގޮސް، އައްޑޫގެ އިވެންޓާއި އެކު ޓްވިޓްސާފުން މިސްރާބުޖަހަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މި ޕްރޮގްރާމު ކުރިއަށްގެންދިއުމަށެވެ. ޓްވިޓްސާފުގެ މައިގަނޑު އަސާސަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައި، ރަށްތަކުގެ ރީތިކަން ދަމަހައްޓައި، ތިމާވެއްޓާ ރައްޓެހި އެދެވޭ ބަދަލުތަކެއް ގެނައުމުގެ މަޤްސަދުގައި މަސައްކަތް ކުރާނެ ފަދަ ތިމާވެއްޓަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށެވެ. ޓްވިޓްސާފުގެ އައްޑޫ އެޑިޝަން އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުމަށް، http://ore.do/twitsaafu އަށް ޒިޔާރަތް ކުރައްވާށެވެ.