English Edition
Dhivehi Edition

“ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލު” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރެއްވި ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލަކީ، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމާއި، ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ރެގިއުލޭޓުކޮށް ފިޔަވަޅު އަޅައި ބެލެހެއްޓުމަށާއި، ޤާނޫނީ ވަކީލުންގެ ޚިދުމަތުގެ ޤާބިލުކަން އިތުރުކުރުމަށާއި، ދިވެހިރާއްޖޭގައި ޤާނޫނީ ތަޢުލީމު ދިނުމުގެ ފެންވަރު މަތިކުރުންފަދަ އެންމެހާ ކަންކަން ބަޔާންކުރުމުގެ ބިލެކެވެ.

އަދި މިކަންކަން ބެލެހެއްޓުމަށްޓަކައި، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ނަމުގައި ދައުލަތުގެ މިނިވަން އަދި މުސްތަޤިއްލު މުއައްސަސާއެއް އުފައްދައި، އެ މުއައްސަސާގެ މަސައްކަތްތައް ހިންގާނެ ގޮތް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މިއަދު ރައީސް ޞޯލިޙް ތަސްދީޤް ކުރެެއްވެވި މިބިލަކީ 25 ޖޫން 2019 ވީ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 12 ވަނަ ޖަލްސާއިން ފާސްކުރެއްވާ ފައިވާ ބިލެކެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.