އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ(އެމްއެންޔޫ) އެއްކޮށް، ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއަކަށް އައިޔޫމް ހަދަން ތާއީދުކޮށް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ ގިނަ މެމްބަރުން ވާހަކަ ދައްކާފައި ވަނިކޮށް އިސްލާމިކް ޔުނިވާސިޓީ މިހާރުގެންދާ ގޮތަށް ކުރިޔަށް ގެންދަވާނެ ކަމަށް ރައީސުޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަށަވަރު ކޮށްދެއްވައިފި އެވެ.
މިކަމާ ގުޅިގެން ރައީސް ރޭގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އިސްލާމިކް ޔުނިވާސިޓީ ހިންގުން މެދުކަނޑާނުލާ ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ވިދާޅުވީ ތައުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުސަތެއް މި ސަރުކާރުން ބަންދު ނުކުރާނެ ކަމަށެވެ.
“އިސްލާމިކް ޔުނިވާރސިޓީ އޮފް މޯލްޑިވްސްގެ ހިންގުން މެދުކަނޑާ ނުލާ ކުރިއަށް ގެންދިޔުމަކީ ސަރުކާރުގެ ސިޔާސަތެވެ. ތައުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުޞަތެއް މި ސަރުކާރަކުން ބަންެދެއް ނުކުރާނެ” ރައީސްގެ ޓްވީޓް
އިސްލާމިކް ޔުނިވާސިޓީ ގައުމީ ޔުނިވާސިޓީގެ ދަށަށް ގެންދިއުމަށް ވާހަކަތައް ދެއްކިއިރު އެކަމާ ކަންބޮޑުވުން ފާޅުކޮށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ އެ ކަމަށް ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.