English Edition
Dhivehi Edition

ކާބޯތަކެތި އުފެއްދުމުގައި ދުނިޔޭގައި ނަންމަޝްހޫރު ކުންފުންޏެއް ކަމުގައިވާ “ނެސްލޭ”ކުންފުނީގެ ލަންކާގައި ހުންނަ ފެކްޓަރީ އަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބުން ވެގެންދިޔައީ އައްޑޫގައި އަމިއްލަ ނޫސްވެރިކަމެއް ފެށިފަހުން އައްޑޫގެ ނޫސްވެރިންނަށް ލިބުނު ފުރަތަމަ ފުރުސަތު ކަމަށެވެ. މި ޒިޔާރަތުގައި ރާއްޖޭގެ 17 މީޑިއާއަކުން 17ނޫސްވެރިއަކު ބައިވެރިވެފައިވާ އިރު އައްޑޫގެ 2 މީޑިއާއަކުން ވެސް ވަނީ ބައިވެރިވެފައެވެ.
ނޫސްވެރިންގެ “މޯލްޑިވްސް މީޑިއާ ޓްރިޕް ޓު ނެސްލޭ ފެކްޓްރީ” ގެ ދަތުރު ފެށުނީ 19 ވަނަ ދުވަހު ހަވީރު ސްރީލަންކަން އެއަރވޭސްގެ މަތިންދާ ބޯޓަކުންނެވެ. ޓީމާ އެކުގައި ނެސްލޭގެ ފަރާތުން ރާއްޖޭގެ ސޭލްސް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު ދިޝާން ވިޔަވަރުދީނާވެސް ބައިވެރިވިއެވެ.
ނެސްލޭ ކުންފުނިން ހުރިހާ އިންތިޒާމެއް ހަމަޖެއްސި މި ދަތުރުގައި ނޫސްވެރިންނަށް ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއަރޕޯޓުންވެސް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އޭގެ ފަހުގައި ޓީމުގެ ހުރިހާ މެމްބަރުން ގެންދިޔައީ ކޮލަމްބޯގެ މަޝްހޫރު “ސިނަމަން ރެޑް” ހޮޓަލަށެވެ.
ނެސްލޭ ފެކްޓްރީއަށް ޒިޔާރަތް ކުރުމުގެ ދަތުރު ފެށީ 20 ވަނަ ދުވަހުގެ ހެނދުނުގައެވެ. ގަޑިއެއްހާއިރުގެ ބަސް ދުއްވުމަކަށްފަހު ލަންކާގައި ހުންނަ ނެސްލޭގެ ފެކްޓްރީއާއި ހިސާބަށް ފޯރީ ހެނދުނު 9:45 ގައެވެ. އެންމެ ފުރަތަމަވެސް އޮތީ ފެކްޓްރީ އާއި ގުޅޭގޮތުން ކުޑަ ތައާރަފެއްދިނުމެވެ. ތައާރަފް ކުރިއަށް ދިޔައިރު ނެސްލޭގެ އުފެއްދުންތަކުގެ ތެރެއިން މީރު ބުއިމެއް ކޮންމެ މީހަކަށް ވެސް ވެލްކަމް ޑްރިންކެއްގެ ގޮތުގައި ދިނެވެ. ކޮންފަރެންސް ހޯލުގައި އޮތް މައުލޫމާތު ދިނުމުގެ ސެޝަނަށްފަހު ފެކްޓްރީ ބަލާލުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވާން ފެށުނެވެ. ހުދުކުލައިގެ ދިގު ކޯޓާއި ކަޅުކުލައިގެ ޓެނިސްބޫޓެއް ކޮންމެ ނޫސްވެރިއަކަށް ދިނެވެ. އެގޮތަށް ހެދުން ބަދަލުކުރަން ޖެހުނީ ފެކްޓަރީގެ އެތެރޭގައި މަސައްކަތް ކުރަމުންދާއިރު ދިމާވެދާނެ ހާދިސާއަކުން ސަލާމަތް ވުމަށް ކަމަށްކިޔައިދިނެވެ.
30 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުންދިޔަ އެފެކްޓްރީއަކީ ވަރަށް ބޮޑު އިމާރާތެކެވެ. އިމާރާތުގެ ތެރެއަށް ވަދެގެންދިޔައިރު ބައެއް ސަރަހައްދުތަކަކީ ކެމެރާ ބޭނުން ނުކުރެވޭނެ ސަރަހައްދުތަކެއް ކަމަށާއި އެނޫން ހުރިހާ ސަރަހައްދެއްގައި ފޮޓޯ އަދި ވީޑިއޯ ހުއްދަ ކަމަށް ޓުއަރ ގައިޑަކަށް ހުންނެވި އެކުންފުނީގެ ހިއުމަން ރިސޯސް މެނޭޖަރ ޑިނުކާ ޕައްޓިކިރިއަރައްޗީ ކިޔައިދިނެވެ.
އެންމެ ފުރަތަމަވެސް ޓީމު ގެންދިޔައީ ރާއްޖޭގައި މަޝްހޫރު “މެގީ ނޫޑުލްސް” ތައްޔާރުކުރާ ބަޔަށެވެ. ތަނުގެ ސާފުތާހިރުކަމާއި ތަރުތީބު މަސައްކަތް ފެނުމުން ނޫސްވެރިންގެ ޓީމަށް ޚާއްޞަކޮށްގެން ތައްޔާރުވެފައިވަނީތޯ ޑިނުކާއާއި ސުވަލުކޮށްލީމެވެ. ޑިނުކާގެ ޖަވާބަކަށްވީ އެފެކްޓްރީން އުފައްދަނީ ކާބޯތަކެތި ކަމަށްވާތީ ސިއްހީގޮތުން ރައްކާތެރި މާހައުލެއް އެތަނުގައި އަބަދުވެސް ގާއިމުވެފައި އޮންނާނެކަމަށެވެ. އެތަނުން ދުވާލެއްގެ މައްޗަށް 30،000 ނޫޑުލްސް ޕެކެޓް އުފައްދާ މާކެޓް ކުރުމުގެ މަސައްކަތް ކުރެއެވެ.
އެތަނުގައި ނޫޑްލްސް ތައްޔާރުކޮށް ބާޒާރަށް ނެރުމާ ހަމައަށް މަސައްކަތް ކުރާގޮތް ކިޔައިދިނެވެ. އޭގެ ފަހުގައި ދެން ދިޔައީ މަޝްހޫރު ބުއިމެއް ކަމަށްވާ މައިލޯ އުފައްދާ ބަޔަށެވެ. ދޮރުން އެތެރެއަށް ވަނުމާއެކު ނޭފަތުގައި ޖެހުނީ ކިރާއި ޗޮކްލެޓްގެ މީރުވަހެވެ. ފެކްޓްރީ ތެރޭގައި ހޭބޯނާރާ އެމީހެއްގެ މަސައްކަތުގައި އެމީހަކު މަޝްއޫލުވެގެން ތިއްބެވެ. އަދި ބައެއް ސްޓާފުން ނޫސްވެރިން ފޮޓޯ ނަގާތީ ވަރަށް ހެވިފައި ބަލަމުން ދިޔައެވެ. އެތަނުގައި ވެސް ކިޔައިދިނީ މައިލޯ ތައްޔާރުކުރާ ގޮތާއި އެބުއިމަކީ ރައްކާތެރި އަދި ހަށިގަނޑަށް ފައިދާ ހުރި ބުއިމެއްގެ ގޮތުގައި ހެދުމަށް ކުރާ މަސައްކަތުގެ ވާހަކައެވެ. އެއްގަޑިއިރުން 22،000 ޕެކެޓް މައިލޯ ތައްޔާރުކޮށް މާކެޓް ކުރެވޭ ކަމަށް ޑިނުކާ ކިޔައިދިނެވެ.
މިދަތުރުގެ އެންމެ ބޮޑު އެއްމަގުޞަދަކަށް ވީ ވެސް މައިލޯއާއި މެދު ދެކެވުނު ވާހަކަ ތަކެއްގެ ސަބަބުން އޭގެ ހަގީގަތް ބެލުން ކަމަށް ވާތީ އޭގެ މައުލޫމާތު ހޯދުމަށް އަހަންނަށް ބޮޑަށް ޝައުގުވެރި ވެވުނެވެ. އައްޑޫގެ ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް މައިލޯ ޕެކެޓްތަކުން ފެނުނު މައްސަލަތަކާއި ރަށުތެރޭގައި މައިލޯއާއި ގުޅިގެން ދެކެވޭ ވާހަތަކުގެ ސަބަބުން އޭގެ އަސްލު ސަބަބު ހޯދުމަށް ޑިނުކާއާއި ވަރަށް ސުވާލުކުރީމެވެ. އެހެންކަމުން މައިލޯ އުފައްދާގޮތާއި އެތަކެތީގެ ސާފުތާހިރުކަން ބަލަހައްޓާ މިންވަރާއި އަދި އެފަދަ ގޮތަކަށް މައިލޯޕެކެޓެއްގައި މައްސަލައެއްދިމާވާނީ ކިހިނެއްކަން ވެސް ޑިނުކާ ތަފްސީލުކޮށް ކިޔައިދިނެވެ. ޑިނުކާގެ ވާހަކަތަކުން ލިބުނު މައުލޫމާތުގެ އަލީގައި ދެން އެފަދަ މައްސަލައެއް ދިމާވެއްޖެނަމަ އެއީ ކޮން ސަބަބަކާ ހުރެ ދިމާވި މައްސަލަތަކެއްކަން އެހެން މީހުންނަށް ބުނެދެވޭނެހައި ޔަގީންކަން ލިބުނެވެ. އަދި މައިލޯއަކީ ކުޑަކުދިންގެ އެންމެ މަގުބޫލު ބުއިމަށް ވެފައިވާއިރު ދިމާވި މައްސަލައަކާއި ގުޅިގެން މައިލޯ ބުއިން ހުއްޓާލާފައިވާ ކުދިންގެ ކަންބޮޑުވެފައިވާ މަންމަމެންނަށް އޭގެ އަސްލު ސަބަބު ކިޔައި ދެވޭނެ ކަމުގެ ހިތްހަމަޖެހުން ލިބިގެން ދިޔައެވެ. ފިހާރައަކުން މައިލޯ ގަންނައިރު އެއީ ރަނގަޅު ޕެކެޓެއްތޯ ބެލުމަށް ކުރަން ޖެހޭނެ ކަންކަންވެސް އެނގިގެން ދިޔައެވެ.

އެތަނުން ނިމިގެން ދެން ދިޔައީ އެތަނުގައި އުފައްދާތަކެތި ރަހަ ބެލުމަށް ޚާއްޞަކޮށްފައިވާ ބަޔަށެވެ. އެތަނުން މެގީ ނޫޑްލްސް އާއި ނެސްލޭގެ ތަފާތު ބުއިންތައް ރަހަ ބަލާލުމަށް ލިބުނެވެ. އޭގެ ތެރޭގައި އަދި ރާއްޖެއަށް މާކެޓް ނުކުރާ ނެސްލޭކޮފީގެ ބާވަތެއްވެސް ރަހަބަލާލުމަށް ފުރުސަތު ލިބުނެވެ.
ފެކްޓްރީގެ ޒިޔާރަތް ނިންމާލާފައި މެންދުރު 1:30 ގައި ޓީމު ގެންދިޔައީ ލަންކާގެމަޝްހޫރު ޖެޓްވިންގ ބުލޫ އަށެވެ. އެތަނުގައި މެންދުރުގެ ކެއުމަށް އިންސާފުކުރުމަށްފަހު އެތަން ބަލާލައި ހަދާލުމަށް ކުޑަ ވަގުތުކޮޅެއް ލިބުނެވެ. އޭގެ ފަހުގައި 3:45 ގައި ދިޔައީ ނެސްލޭގެ ހެޑް އޮފީހަށެވެ. ހޫނު މަރުހަބާއަކަށްފަހު ނެސްލޭ ކުންފުނީގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުން ފެށުނެވެ. އެންމެ ފުރަތަމަވެސް އޮތީ ނެސްލޭ ކުންފުންޏާބެހޭ ތައާރަފެކެވެ. އެތައާރަފުގައި 1866 ވަނަ އަހަރު އެކުންފުނި އުފެދިގެން ދިޔަކަމަށާއި 1906 ގައި ލަންކާގައި ނެސްލޭ ކުންފުނީގެ ވިޔަފާރި ފެށިގެން ދިޔަކަން ބުނެދިނެވެ. ހަމަ އެއާއެކު 1970 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އެކުންފުނީގެ ވިޔަފާރި ފަށާފައިވާ ކަމަށާއި އެކުންފުނިން އުފައްދާ 10،000 ބާވަތުގެ ތަފާތު އުފެއްދުންތަކުން ދުވަލެއްގެ މައްޗަށް މުޅިއެކު އެއްބިލިއަން އުފެއްދުން އުފައްދާ މާކެޓް ކުރާކަމަށް ވެސް ކިޔައިދިނެވެ. މީގެ އިތުރުން ރާއްޖޭގައި ކުޅިވަރަށް ޚާއްޞަކޮށްގެން ނެސްލޭއިން ކުރިއަށް ގެންދާ ހަރަކާތްތަކާއި އަދި ކުރިއަށްވެސް އިތުރު ކަންތައްތަކެއް ރާވަމުން ގެންދާކަމަށް ކުންފުނީގެ އިސްވެރިން ވިދާޅުވިއެވެ
އެއަށްފަހު ނޫސްވެރިންނަށް ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ނޫސްވެރިން ކުރި ތަފާތު ސުވާލުތަކަށް އެބޭފުޅުން ވަނީ ޖަވާބު ދެއްވާފައެވެ. އެގޮތުން ނެސްލޭ ކުންފުނިން ރާއްޖޭގައި ހިންގާ ގިނަ ހަރަކާތްތައް މާލެއަށް އަމާޒުކޮށްފައިވާތީ އެފަދަ ފުރުސަތެއް އައްޑޫއަށްލިބިދާނެތޯ ކުރި ސުވާލުގައި އެބޭފުޅުން ވިދާޅުވީ އެފަދަ ކަމެއް ކުރެވޭ ވަރުގެ ކްރައުޑެއް އޮވެފައި ކަމަކަށް ތައްޔާރުވެއްޖެނަމަ ނެސްލޭއިން އެކަމަކަށް މަރުހަބާ ކިޔާނެކަމަށެވެ.
ބައްދަލުވުން ނިމިގެން ކޮންމެ ނޫސްވެރިއަކަށް ލަންކާގެ މަޝްހޫރު ބްރޭންޑެއްގެ ސައިފަތް ޕެކެޓެއް ވަނީ ހަދިޔާކޮށްފައެވެ. ނޫސްވެރިންގެ ފެކްޓްރީ ވިޒިޓް ނިންމާލީ “ދަކިންގްސް ބަރީ” ގައި ބޭއްވި ރޭގަނޑުގެ ޚާއްޞަ ކެއުމަކުންނެވެ.