އުރީދޫ ކަލަރ ރަން އައްޑޫ 2019ގެ އެކްސްޕޯ ޖޫން 25 އަދި 26 ވާ އަންގާރަ އާއި ބުދަ ދުވަހު އައްޑޫސިޓީގައި ބާއްވާނެ ކަމަށް އުރީދޫ އިން ބުނެފިއެވެ.
މިއަހަރު އައްޑޫގައި ބޭއްވޭ ކަލަރ ރަން އަށް ރެޖިސްޓަރ ވެފައިވާ އެންމެހާ ދުވުންތެރިންނަށް އެކްސްޕޯ އިން، ކަލަރ ރަންގެ ކިޓުތައް ލިބޭނެއެވެ. އެކްސްޕޯގެ ފުރަތަމަ ދުވަސް އޮންނާނީ 25 ޖޫން ވާ އަންގާރަ ދުވަހު، މެންދުރު 2:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް އީކުއޭޓަރ ވިލެޖްގެ ބްލޫ ލެގޫން ގައެވެ.
އެކްސްޕޯގެ ފަހު ދުވަސް ކުރިއަށްދާނީ 26 ޖޫން ވާ ބުދަ ދުވަހު، ސ. ހިތަދޫ ޔޫތް ސެންޓަރުގައި ހެނދުނު 10.00 އަކުން ހަވީރު 6.00ގެ ނިޔަލަށް އަދި ރޭގަނޑު 8.00 ން 10.00 އަށެވެ.
ކަލަރ ރަންގެ ކިޓްތައް ބައްލަވައިގަތުމަށް، ރެޖިސްޓަރ ކުރި ފަރާތުގެ އައިޑީ ކާޑު، އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ރަސީދުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ކޮޕީ އެއް ގެންނަންޖެހެއެވެ. ރެޖިސްޓަރ ކުރެއްވި ފަރާތުގެ ބަދަލުގައި ކިޓް ނެންގެވުމަށް، ކިޓް ހަވާލުވާ ފަރާތުގެ އައިޑީ ކާޑު، ރެޖިސްޓަރ ކުރެއްވި ފަރާތުގެ އައިޑީ ކޮޕީ، އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ރަސީދު ބޭނުންވާނެއެވެ. އައިޑީ ކާޑުގެ ބަދަލުގައި، އެބޭފުޅެއްގެ އޮރިޖިނަލް ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ގަބޫލުކުރެވޭނެކަމަށް އުރީދޫއިން ބުނެއެވެ.
ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފަ އިނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.
އުރީދޫ ކަލަރ ރަން އައްޑޫ ބާއްވާނީ 28 ޖޫން ވާ ހުކުރުދުވަހުގެ ހަވީރު 4.00 ން 6.00 އަށެވެ.
އުރީދޫ ދުވުމުގެ އިތުރުން، ޖޫން 28 ވަނަ ދުވަހުގެ ހެނދުނު 8.00 ން 10.00 އަކަށް ވަނީ ވަރަށް ޚާއްސަ ގުޑި މަހާސަމާ އެއްވެސް އިންތިޒާމް ކޮށްފައެވެ. މި މަހާސަމާގައި މަޑި އެރުވުން، މަޑި ހެދުމުގެ ވަރކްޝޮޕްތައް، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޙާއްސަ ސްޓޯލެއްވެސް ހިމެނިގެންދާނެއެވެ. ހަމައެއާއި އެކު، އުރީދޫ ކަލަރ ރަންގެ އެކްސްޕޯ ނިމޭއިރު ނުނަގާ ހުރި ކިޓްތައް، އިތުރު ބޭފުޅުންނަށް ބައްލަވައިގަތުމުގެ ފުރުސަތު ގުޑި މަހާސަމާގައި ހުޅުވާލާނެއެވެ.
ހަމައެހެންމެ، އުރީދޫ އާއި ގުޅިގެން، ޓްވިޓްސާފުން ދަނީ ކުރިއަށްއޮތް ހޮނިހިރު ދުވަސް ކަމަށްވާ 29 ޖޫން ވަނަ ދުވަހުގެ ހަވީރު 4.00 ން 6.00 ކަށް އައްޑޫގައި ސާފުކުރުމުގެ އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެންމެ ޓްވީޓަކުން ފެށި، އާންމުންގެ މަޤްބޫލުކަން ހޯދާފައިވާ މި ޕްރޮގްރާމު ރާވާ ހިންގަމުންދަނީ ޓްވިޓްސާފުގެ ވޮލަންޓިއަރުންގެ އެހީގައެވެ. މާލެ އަދި ހުޅުމާލޭގައި އިވެންޓުތަކެއް ކުރިއަށްގެންގޮސް، އައްޑޫގެ އިވެންޓާއި އެކު ޓްވިޓްސާފުން މިސްރާބުޖަހަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މި ޕްރޮގްރާމު ކުރިއަށްގެންދިއުމަށެވެ. ޓްވިޓްސާފުގެ މައިގަނޑު އަސާސަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައި، ރަށްތަކުގެ ރީތިކަން ދަމަހައްޓައި، ތިމާވެއްޓާ ރައްޓެހި އެދެވޭ ބަދަލުތަކެއް ގެނައުމުގެ މަޤްސަދުގައި މަސައްކަތް ކުރާނެ ފަދަ ތިމާވެއްޓަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށެވެ.