English Edition
Dhivehi Edition

ނޮވެމްބަރު 3، 1989 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުންނެވި ހ. ހާޖަރާގޭ ޢަބްދުﷲ ލުތުފީ ފިލައިގެން އުޅެނީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައިކަމަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޞީރު ތުހުމަތު ކުރައްވައިފިއެވެ.

އުމަރު ނަސީރު މިހެން ތުހުމަތު ކުރެއްވީ އޭނާ ކުރެއްވި ޓްވީޓެއްގައި އެވެ.
އުމަރުގެ ޓްވީޓެއްގައި ވިދާޅުވީ، ލަންކާގައި ހުންނަ ދިވެހި އެންބަސީގައި ލުޠުފީ ފިލައިގެން އުޅޭ ކަމަށާއި، އޭނާއަކީ ހޯދުމަށް އިންޓަޕޯލް ރެޑްނޯޓިސް ނެރެފައިވާ މީހެއް ކަމަށެވެ.

އުމަރު މިހެން ވިދާޅުވި އިރު އުމަރުގެ ހޯމް މިނިސްޓަރު ކަމުގެ ދުވަސްވަރުގައި ލުޠުފީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެގޮތުން ލުތުފީ ހައްޔަރުކޮށްގެން ރާއްޖެ ގެނެވޭ ފަދަ މައުލޫމާތެއް ދޭ މީހަކަށް 10،000 ޑޮލަރު (154،200 ރުފިޔާ) އިނާމެއް ދޭންވެސް ހުށަހެޅިއެވެ. ނަމަވެސް އެ ދުވަސްވަރު އެފަދަ އެއްވެސް މައުލޫމާތެއް އެނގޭކަން އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

ލުތުފީއާ ބެހޭ މައުލޫމާތު އެނގޭ މީހަކަށް 10،000 ޑޮލަރު ދޭން ނިންމި ހަބަރު ރީ ޓުވީޓު ކުރައްވަމުން އުމަރު ރޭ ވިދާޅުވީ ލުތުފީ ފިލާ ހުރީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ ތެރޭގައި ކަމަށެވެ.