ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުންވެސް ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ނުވަތަ އެއް ފަހަރު ބޭނުން ކުރުމަށްފަހު އެއްލާލާ ޕްލާސްޓިކް ފުޅި ބޭނުންކުރުން މިއަދު ހުއްޓާލައިފި އެވެ.
މިކަމާ ގުޅިގެން އެ ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ ކެމްޕެއިން ގައި ބައިވެރިވުމުގެ ގޮތުން މިއަދުން ފެށިގެން އެ މުއައްސަސާގައި އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ބަޔާނުގައި އިތުރަށް ބުނީ ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ހުރިހާ މުވައްޒަފުންނަށް އެއް ފަހަރަށްވުރެ ގިނައިން ބޭނުން ކުރެވޭ ރީޔޫސެބަލް ބިއްލޫރި ފުޅި ހަވާލުކޮށްފައިވާ ކަމަށެވެ.
އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ރައީސް އޮފީހާއި ސަރުކާރު ބައެއް އިދާރާތަކުން މިހާރުވެސް ވަނީ ހުއްޓާލާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވެސް މިއަދުން ފެށިގެން ވަނީ އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ނުކުރާ ގޮތަށް ނިންމާފަ އެވެ.