English Edition
Dhivehi Edition

ރާއްޖޭގެ އެންމެ މަތީ ކޯޑު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތައްޔާރުވެއްޖެއެވެ. އެގޮތުން މިދިޔަ ހަފްތާގައި ވަނީ މިކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ހާއްސަ ގަރާރެއްވެސް ފަސްކޮށްފައެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ބާއްވާ ޖޭއެސްސީގެ ބައްދަލުވުން އެޖެންޑާކޮށްފައިވަނީ މާދަމާއަށެވެ. މިކަމަށް ޖޭއެސްސީއިން ތައްޔާރުވެފައިވާއިރު މީގެ ކުރިން އެކަން ކުރުމަށް ކުރި މަސައްކަތްތަކަށް ސުޕްރީމް ކޯޓުން އެކި ގޮތްގޮތުން ހުރަސްއަޅާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ޖޭއެސްސީގެ މެންބަރަކު ވަނީ ވިދާޅުވެފައެވެ.

ގާނޫނުއަސާސީގެ 285 ވަނަ މާއްދާ ބުނާގޮތުން، ގާނޫނުއަސާސީ އަށް އަމަލު ކުރަން ފަށާއިރު ތިބި ފަނޑިޔާރުންގެ ކިބައިގައި ފުރިހަމަ ވާންޖެހޭ ޝަރުތުތައް ފުރިހަމަ ވޭތޯ ނުވަތަ ނޫންތޯ ޖޭއެސްސީން ދެ އަހަރު ދުވަސް ތެރޭގައި ކަނޑައަޅަން ޖެހޭނެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަން ޖޭއެސްސީގައި އެޖެންޑާ ކުރިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަތަކެއް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ. އޭނާ ސުޕްރީމް ކޯޓަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ތެރޭގައެވެ.