English Edition
Dhivehi Edition
ހުނަރުވެނި 2019 ހުޅުވުން/ނައިބްރައީސް ފައިޞަލް ނަސީމް

ޤައުމެއް ކުރިއަރައިދަނީ ހުރިހާ ވައްތަރެއްގެ މަސައްކަތާއި، މަސައްކަތްތެރީން ހިމެނިގެންކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ދައްކުވައިދޭ “ހުނަރުވެނި 2019” ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ވިދާޅުވެލެއްވީ ،ޤައުމެއް ކުރިއަރައިދަނީ ހުރިހާ ވައްތަރެއްގެ މަސައްކަތާއި، މަސައްކަތްތެރީން ހިމެނިގެންކަމަށާއި ކޮންމެ މަސައްކަތަކީވެސް މުހިއްމު މަސައްކަތެއްކަމަށެވެ.

“މިއަދު މައިންބަފައިން، ދަރިންގެ ގައިގައި ހުރި ޤާބިލުކަން އެބަ ފާހަގަކުރަންޖެހޭ. ދަރިން ގައިގައި ހުންނަ ހުނަރު ފާހަގަކޮށް، އެ ދާއިރާތަކުން ކުރިއަށް ދިޔުމަށްޓަކައި ފުރްޞަތުދޭން އެބަޖެހޭ. ހިތްވަރުދޭން އެބަޖެހޭ. “

މި ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުނަރުވެރިން ބިނާކޮށް، ފަންނުވެރިން އުފައްދައި އަތޮޅުތަކުގެ ތަރައްޤީގައި އެފަދަ މަސައްކަތްތެރިންގެ ބައިވެރިވުން ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވެލެއްވެވިއެވެ.

މިއަދު ފެށި ހަރަކާތުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި ހަރަކާތުގެ ސަބަބުން ތަފާތު ގިނަ ކަންތައްތައް ދަސްވެ، ޒުވާނުންގެ ހިތުގައި އެކަންކަމަށް ޝައުޤުވެރިކަން އުފެދި، ކުރިއަށް އޮތް ތަނުގައި، ޤައުމުގެ ތަރައްޤީގައި ކުރިއަށްވުރެ ބޮޑަށް ޒުވާނުން ޝާމިލުވެ އުޅެވޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، އެންމެ ހިތްހަމަޖެހޭ، އެންމެ އުފާވެރި މީހަކީ، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން، ލިބޭ އެއްޗަކުން ދިރިއުޅުމުގެ ކަންކަން ރަނގަޅަށް ހަމަޖައްސައިގެން އުޅޭ މީހާކަން ފާހަގަކުރެއްވިއެވެ.

ދަރުބާރުގޭގައި މިއަދު ފެށި ހުނަރުވެނި 2019 އަކީ ޓިވެޓް އޮތޯރިޓީން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެކެވެ.